14 Jan 2015, 14:16
އެސްޓީއޯ އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، "މިއުޒިކަލް ފަޔާ ވޯކްސް" ނުވަތަ މިއުޒިކާ އެކު ހަވާއެރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެސްޓީއޯ އިން ނިންމައިފި އެވެ.
މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 11:50 ގައި އުސްފަސްގަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ އެ ހަރަކާތާ ބެހޭ ގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެސްޓީއޯގެ މިއުޒިކާ އެކު ހަވާ އެރުވުމުގެ އެ ހަރަކާތް ކުރިއަށް ދާނީ އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމީ ހަފްލާއަށް ފަހު އުސްފަސްގަނޑު ސަރަހައްދުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެސްޓީއޯ އިން ބާއްވާ މިއުޒިކަލް ފަޔާ ވޯކްސް އަކީ މިހާތަނަށް ރާއްޖޭގައި، ބާއްވައިފައި ނުވާ ވައްތަރެއްގެ ހަވާ އެރުވުމެއް ކަމަށެވެ.
"ރާއްޖޭގައި އަދި މިހާތަނަށް މިއުޒިކާ އެކު ހަވާ އެރުވުމުގެ ހަރަކާތެއް ބާއްވާފައެއް ނެތް، ހަވާ އެރުވުން ކުރިއައްދާނީ މިއުޒިކާ އެކު ކޮރިއޯގްރާފް ކުރެވިގެން، މިހާރު ރާއްޖޭގައި ކުރިއަށްގެންދާ ހަވާ އެރުވުމާ ތަފާތުވެފައި، ރީތިވާނެ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޕަބްލިކަށް ހުޅުވާލައިގެން އެސްޓީއޯ އިން ބާއްވާ މިއުޒިކާ އެކު ހަވާ އެރުވުމުގެ އެ ހަރަކާތުގައި، ބައިވެރިވާން ބޭނުންފުޅުވާ ހުރިހާ ބޭފުޅުންނަށް ވެސް އެފުރުސަތު އޮއްނާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ. އެސްޓީއޯގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހެވެ. މިދިޔަ އަހަރު އެސްޓީއޯ އަށް 50 އަހަރު ފުރުން ފާހަގަކޮށްފައިވާ އިރު، ދުވަހުގެ މުނާއްސަބަތުގައި ތަފާތު ގިނަ ހަރަކާތްތަކެއް ވަނީ އެކުންފުނިން ހިންގާފަ އެވެ.