ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި ޓީބީ އަދި އެޗްއައިވީ ފެތުރުން މަދުކޮށް އެ ބަލިތަކުގައި ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ހިދުމަތްތައް ހަރުދަނާ ކުރުމަށް ނެޝަނަލް ސްރެޓެޖިކް ޕްލޭން އެކުލަވާލައި އިފްތިތާހްކޮށްފި އެވެ.

މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްރެޓެޖިކް ޕްލޭން އިފްތިތާހްކޮށްދެއްވީ ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު އިފްތިތާހްކުރި އެ ދެ ސްޓްރެޓަޖިކް ޕްލޭންގައި ހުރި ކަންތައްތައް ހާސިލްކުރެވިއްޖެ ނަމަ އެޗްއައިވީ އަދި ޓީބީގެ ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. އަދި އެކަންތައްތައް ހާސިލުކުރުމަށް ވަކިވަކި ފަރާތްތައް މަސައްކަތްކުރުމުގެ ބަދަލުގައި އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ފާހަގަކުރެއްވި އެވެ.

ރާއްޖެ ގެނެވޭ ބިދޭސީން ރާއްޖެ އެތެރެވުމުގެ ކުރިން ހެލްތު ޓެސްޓް ފުރިހަމަކޮށްފައިތިބި ބަޔަކަށް ހެދުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެ އެތެރެވާ ކޮންމެ ބިދޭސީއަކީ ކަނޑައަޅާ ވަކި ހެލްތު ސެންޓަރުތަކަކުން ސްކްރީން ކުރެވިގެން ގެނެވޭ ބަޔަކަށް ހަދާނެ ކަމަށެވެ.

"އެކަމުގެ ސަބަބުން ނޭނގި ގެނެވޭ ބަލިތައް ހާއްސަ ގޮތެއްގައި ޓީބީ އަދި އެޗްއައިވީގެ އިތުރުން އެކިކަހަލަ ލެއިން އަދި ގައިންގަޔަށް އަރާ ބަލިތައްވެސް މަދުވެގެންދާނެ. އަދި ފުރާވަރުގެ ހުރިހާ ކުދިންނަކީ ސްކްރީން ކުރެވިފައިވާ ކުދިން ކަމަށް ހެދުމުގެ ޕްރޮގްރާމް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޓީބީ ބަލި ޖެހިފައިވާ މީހުންގެ އަދަދު މަދުކުރެވިފައިވީ ނަމަވެސް ކައިރި ގައުމުތަކުން ރާއްޖެ އަންނަ ބިދޭސީންގެ ގައިން އެ ބަލި ފެންނަމުންދާލެއް އިތުރުވެފައިވާ ކަމަށެވެ.

ޓީބީ ސްޓްރެޓަޖިކް ޕްލޭންގެ ދަށުން ރާއްޖޭގައި ޓީބީ ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރުމާޢި އެ ބަލި ޖެހިފައިވާ މީހުން އަވަހަށް ދެނެފަނެ ފަރުވާ ފެށުމާއި ބަލި ހުރިތޯ ތަހުލީލުކޮށް ބަލާ ނިޒާމު ހަރުދަނާކުރުންފަދަ ކަންކަން ހިމަނާފައިވެ އެވެ.

އެގޮތުން، ޓީބީ ބަލި ޖެހުމަށް އޮންނަ ފުރުސަތު 2019 ވަނަ އަހަރުގެ ކުރިން 25 ޕަސެންޓަށް ކުޑަކުރުމަށާއި ބައިނަލްއަގްވާމީ ފެންވަރަށް ހެލްތު މިނިސްޓްރީގެ ހުރިހާ ސެންޓަރަކުން ޓީބީ ބައްޔަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް އަންނަ އަހަރުގެ ކުރިން ދިނުމަށް ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން ޓީބީ ބަލި ޖެހިފައިވާ މީހުން ދެނެގަނެ އެމީހުންނަށް ފަރުވާ ދެވޭނެ ގޮތްތައް 2018 ވަނަ އަހަރާ ހަމައަށް 90 ޕަސެންޓް އިތުރުކުރަން ކަނޑައަޅާފައިވެ އެވެ.

އެއްޗައިވީ ސްޓްރެޓަޖިކް ޕްލޭންގެ ދަށުން އެ ބަލި ޖެހުމަށް މަގުފަހިވާ ފަދަ އާދަތައް ހުރި ފަރާތްތަކަށް ހާއްސަކޮށްގެން ހިދުމަތްތައް ފޯރުކޮށްދިނުމާއި އެޗްއައިވީން ރައްކާތެރިކުރުމުގެ ޕްރޮގްރާމްތަކާއި އެބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ކަންތައްތައް ހަރުދަނާ ކުރުން ހިމެނެ އެވެ.

އެގޮތުން ފާހަގަކުރެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި އަތޮޅު ތެރޭގެ ހުރިހާ ރަށަކަށް 2020 ވަނަ އަހަރުގެ ކުރިން ސާފު ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ހަދިޔާކުރާ ލެޔަކީ އެޗްއައިވީ އަށް ޓެސްޓްކުރެވޭ ލޭ ކަން ޔަގީންކުރުމަށް ކަނޑައަޅާފައިވެ އެވެ.