ޤަތަރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރާޝިދު ޝާފިޢާ ސައީދު ‏‏ޝާފިޢާ އަލް ފަހައިދާ އަލް މާއްރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ‏‏އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ޤަތަރުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ‏‏‏ތަހުނިޔާ ވިދާޅުވިއެވެ.

‏މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ޤަތަރާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ‏‏މިގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ‏‏ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ދެޤައުމުގެ ދޭތެރޭ އިތުރަށް ގުޅުން ވަރުގަދަ ‏‏ކުރެވިދާނެ ‏‏ގޮތްތަކާ ‏ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.‏

‏ޤަތަރުގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ‏‏‏އެޤައުމުގެ ‏‏ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ‏‏‏ގެންދަވާނެ ކަމުގައި ‏‏ވިދާޅުވިއެވެ.‏

‏‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ‏‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏ ‏