14 Jan 2015, 13:37
ސްރީ ލަންކާގެ އާ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސަރުކާރުން މިމަހުގެ 29ގައި އެގައުމުގެ ޕާލިމެންޓަށް 'އިންޓަރިމް ބަޖެޓެއް' ހުށަހަޅުއްވާނޭ ކަމަށް އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަނަޔަކެ ވިދާޅުވެއްޖެ އެވެ.
ކަރުނަނަޔަކެ މިހެން ވިދާޅުވެފައިވަނީ، މިނިސްޓަރުކަމުގެ ވާޖިބު އަދާކުރެއްވުމަށްޓަކައި އިއްޔެ ފިނޭންސް މިނިސްޓްރީއަށް ނުކުންނަވައި މީޑީއާއަށް މައުލޫމާތު ދެއްވަމުން ކަމަށް ކޮލަމްބޯގެޒެޓުން ބުންޏެވެ.
ލަންކާގެ ފޮރިން މިނިސްޓަރު ވިދާޅުވެފައި ވަނީ، އާ ސަރުކާރުގެ މައިގަނޑު އަމާޒަކަށް ވެގެންދާނީ، ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކޮށްދިނުމަށްޓަކައި އެބައިމީހުންގެ މަންފާއަށް ކުރެވެން ހުރި ކަންކަމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
ކަރުނަނަޔަކެ ވިދާޅުވީ، ލަންކާގެ އިގްތިސާދު ހަރުދަނާކުރުމަށް އާ ސަރުކާރުން އިސްކަމެއް ދޭނެ ކަމަށާއި އެގޮތުން އާމްދަނީގެ ގޮތުގައި ރައްޔިތުންގެ އަތުން ނެގޭ ޓެކްސް ރަނގަޅު ގޮތުގައި ބޭނުންކުރުމާއި ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް މަސައްކަތް ކުރާނޭކަމަށެވެ.
ސްރީލަންކާގެ އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވައިލާނޭ ކަމަށާއި އަދި ލޯކަލް އިންޑަސްޓްރީތައް ރައްކާތެރިކަމާއެކު ކުރިއަރައިގެންދާނޭ މަގު ފަހިކޮށްދެއްވާނޭ ކަމަށްވެސް އާ ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.