14 Jan 2015, 13:12
ލ. މާވަށު މަގުތަކުގައި ހުއްދަ ނުހޯދައި ގަސްތަކާއި ޖޯލިފަދަ ތަކެތި ބެހެއްޓުން މަނާކުރުމުން، ރަށުގެ މަގުތަކުގައި ހުރި ބައެއް ގަސްތައް އާންމުން ނުކުމެ ކަނޑަން ފަށައިފި އެވެ.
މާވަށު ކައުންސިލް ރައީސް ހުސައިން ނިޒާމް "ސަން"އަށް މިއަދު ވިދާޅުވީ މަގުތަކުގައި އިންދާފައި ހުރި ގަސްތައް ކަނޑަން ކައުންސިލުން އެންގީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ބާރު ލިބިގެން ކައުންސިލުން ހަދާފައިވާ އުސޫލެއްގެ ދަށުން ކަމަށެވެ.
އޭނާ ވިދާޅުވީ މާވަށު މަގުތަކަކީ ހަނި މަގުތަކެއް ކަމަށާއި މަގުތަކުގައި ބަހައްޓާފައިވާ އެއްޗެހިތަކުގެ ސަބަބުން ދުއްވާ އެއްޗެއްސަށް އުނދަގޫވާ ކަމަށެވެ. ހުއްދަ ނުހޯދައި މަގުތަކުގައި އިންދާފައިވާ ރުއްގަހާއި ފިހާރަތަކުގެ މުދާ ނެގުމަށް އިއުލާންކޮށްފައިވާނެ ކަމަށާއި އެ އިއުލާނަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ނިޒާމު ވިދާޅުވި އެވެ.
އާންމު ބިންބިމާއި މަގުތަކުގައި ގަސް އިންދުމާއި ތަކެތި ބެހެއްޓުމާއި މަގު މަގަށް ގަލާއި ވެލި އެޅުމުގައި އަމަލު ކުރަންޖެހޭ އުސޫލެއް މާވަށު ކައުންސިލުން ވަނީ އެކުލަވާލާފަ އެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުން ރަށުގެ މަގެއްގައި އަދި ގޯޅިއެއްގައި ވެސް ޖޯލި ބަހައްޓައިގެން ނުވާނެ އެވެ. އަދި މަގަށްވާ ގޮތަށް ޖޯލި އެލުވައިގެން ވެސް ނުވާނެ އެވެ. އަދި ރަށުގެ މަގުތަކަށް ވެލި އަޅައި ގާ އެޅޭނީ ކައުންސިލްގެ ހުއްދަ ލިބިގެން ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
މާވަށު ގޯތިތަކުގެ އިންފާރުން ބޭރުގައި މަގުތަކަށްވާ ގޮތަށް މޭވާ ގަސްތަކާއި ބަގީޗާ ގަސްތައް ވަނީ އިންދާފަ އެވެ. ކައުންސިލުން ނެރުނު އިއުލާންގެ ދަށުން އެފަދަ ގަސްތަކާއި ތަކެތި އަންނަ އަންގާރަ ދުވަހު ކުރިން ނަގަންޖެހެ އެވެ.