ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ ކޯޝަރް ސްޕަމާކެޓުގައި ބަޔަކު ރަހީނުކުރި ހާދިސާގައި މަރުވި ޔަހޫދީންގެ ހަތަރުމީހަކު އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ އަލް ޤުދުސްގައި ވަޅުލައިފިއެވެ.

ފަލަސްތީނުގެ މައާން ނިއުސް އެޖެންސީ ބުނީ ޤުދުސްގެ ހުޅަނގުފަރާތު ރަށްބޭރުގައިވާ ގިވާތު ސަހުލް ގަރުބުރުސްތާނުގައި އެހަތަރުމީހުން ވަޅުލީ އިއްޔެ ކަމަށެވެ. އަދި ބުނީ އެމީހުންގެ ޖަނާޒާގައި އިސްރާއީލްގެ ރައީސް ރިއުވެން ރިވްލިން ބައިވެރިވެވަޑައިގަތެވެ.

ޖަނާޒާގައި މަރުވި މީހުންގެ ނަންތަކުން އެމީހުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން ރިވްލިން ވިދާޅުވެފައި ވަނީ އެމީހުންނަށް އިސްރާއީލުން މަރުހަބާ ކިޔަން ބޭނުންވީ އެގޮތަށް ނޫން ކަމަށެވެ.

"... މިއީ އަހަރެމެން ކަލޭމެންނަށް މަރުހަބާ ކިޔަން ބޭނުންވި ގޮތެއް ނޫން. އަހަރެމެން ކަލޭމެން ބޭނުންވީ ދިރިތިއްބައި،" ރިވްލިން ބުނި ކަމަށް ނޫހުގައި ވެއެވެ.

ހަތަރު ޔަހޫދީންގެ ޖަނާޒާގައި އިސްރާއީލުގެ ސިޔާސީ ލީޑަރުންނާއި އެކު ޖުމްލަ 2500 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. ޖަނާޒާގައި ފަރަންސޭސި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެގައުމުގެ އިކޮލޮޖީ މިނިސްޓަރު ސިގޮލިނީ ރޯޔަލް އެވެ. ޖަނާޒާގައި ވާހަކަ ދައްކަމުން އޭނާ ވަނީ ޔަހޫދީންނާއި ދެކޮޅު "އެންޓިސެމިޓިމިޒަމް" ގެ ވިސްނުމަށް ފަރަންސޭސިވިލާތުގައި ޖާގަ ނޯންނާނެ ކަމުގެ ޔަގީންކަން އަލުން ދެއްވާފައެވެ.

މަރުވި ޔަހޫދީންގެ މައްޗަށް ރޮއި ހިތާމަ ކުރަން އެތައް ހާސް ބަޔަނު ގުދުސްގެ މަގުތަކަށް ނުކުތް ކަމަށް ވެސް ނޫހުން ބުންޏެވެ. އެގޮތުން ނުކުތް މީހުން ނުކުތީ ފަރަންސޭސި ދިދަ އާއި" އަހަރެމެން އެންމެންނަކީ ވެސް ޝާލީ" މިހެން ލިޔެފައިވާ ބޯޑުތައް ހިފައިގެން ކަމަށް ވެސް މައާން ނިއުސް އެޖެންސީގެ ޚަބަރުގައި ވެއެވެ.

ފަރަންސޭސިވިލާތުގައި 500،000 އާއި 600،000 އާ ދެމެދުގެ އަދަދަކަށް ޔަހޫދީން އުޅޭ އިރު އެގައުމުން އިސްރާއީލަށް ހިޖުރަކުރާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 6600 ޔަހޫދީން ފަރަންސޭސިވިލާތުން އިސްރާއީލަށް ހިޖުރަކުރިއެވެ. ދުނިޔޭގެ އެކި ގައުމުތަކުން އަންނަ ޔަހޫދީންނަށް ގެ އަޅައި ދިނުމަށް އިސްރާއީލް ސަރުކާރުން އަންނަނީ ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އާބާދީތައް ހަދަމުންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށާއި އެންމެހާ މުސްލިމުންނަށް ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ ޝާލީ އެބްޑޫ ނޫހަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު ބަޔަކު ބަޑިން ދިން ހަމަލާއާއި އޭގެ ފަހުން ޕެރިހުގައި ދިން އެހެން ހަމަލާތަކެއްގައި ޖުމްލަ 17 މީހަކު މަރުވިއެވެ.