14 Jan 2015, 12:39
މިދިޔަ އަހަރުގެ ތެރޭގައި ފްރާންސްގެ ކްލަބެއް ކަމަށްވާ މޮނާކޯއިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ސްޓްރައިކަރު ރަޑަމެލް ފަލްކާއޯ މި ސީޒަން ނިމުމުން ޔުނައިޓެޑް ދޫކޮށްލަފާނެ ކަމަށް އެނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ބުނެފިއެވެ.
މެންޑޭޒް ބުނީ އަންނަ ސީޒަންގައި ފަލްކާއޯ ޔުނައިޓެޑުން ނުފެނުނަސް އޭނާ ފެންނާނީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއް ކްލަބުން ކަމަށެވެ. އަދި ޔުނައިޓެޑުގެ ސަޕޯޓަރުން ފްލަކާއޯ ދަނޑުމަތިން ދެކެން ބޭނުންވާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަގާއި ވާނެގޮތް ނޭންގޭ ކަމަށް މެންޑޭޒް ބުންޏެވެ.
"މީ ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ވަރަށް އުނދަގޫ ދަނޑުވަޅެއް. ފަލްކާއޯ އަކީ ހުނަރު ހުރި، މޮޅު ކުޅުންތެރިއެއް. އޭނާއަކީ އެހެން ކްލަބެއްގައި ހުރި ކުޅުންތެރިއެއް ނަމަ 90 މިނެޓު ކުޅެ، ނަތީޖާ ނެރޭނެ ކުޅުންތެރިއެއް ކަމާމެދު ޝައްކެއްވެސް ނެތް. ނަމަވެސް ހަގީގަތަކީ، މިހާރު ދެން ކަންތައް ވެގެން ދާނީ ކިހިނެއް ކަމެއް އެއްކަކަށްވެސް ނޭންގޭ،" މޭންޑޭޒް ބުންޏެވެ.
މެންޑޭޒް ބުނީ ޔުނައިޓެޑުން ޖާގަ ހޯދުމަކީ މިހާރު ވަރަށް އަގުބޮޑު ކަމެއް ކަމަށާއި، އެކަން އެ ޓީމްގެ ކޯޗުވެސް ހާމަކޮށްފައި ވާކަމަށެވެ. އަދި އެ ޓީމުގެ ސްކޮޑުން ޖާގަ ހޯދަން ކުޅުންތެރިއަކު ވަރަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭކަމަށް މެންޑޭޒް ބުންޏެވެ.
"ޔުނައިޓެޑުގެ ސްކޮޑުގެ ޖާގައަކީ ވަރަށް އަގުބޮޑު އެއްޗެއް. އެވާހަކަ ކޯޗުވެސް ވަނީ މީގެ ކުރިން ބުނެފައި. އެހެން ކަމުން ކޮންމެ ދުވަހަކުވެސް ގަދަޔަށް ޓްރެއިންކޮށް، ތިމާގެ ހުނަރު ދައްކަން ވަރަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭ. އަދި ތިމާ ކުޅެން ބޭނުންވާކަން، އަދި ކުޅެވޭނެކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދޭން ޖެހެ،" މޭންޑޭޒް ބުންޏެވެ.
މިދިޔަ އަހަރުގެ ޓްރާންސްފާ ޕީރިއަޑުގައި އެންމެ ފަހު ވަގުތު ޔުނައިޓަޑަށް ބަދަލުވި ފަލްކާއޯ އަންނަނީ އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގައެއް ހޯދުމަށް ވަރަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާ ޔުނައިޓަޑަށް ބަދަލުވިތާ ކުރީކޮޅު ލިބުނު އަނިޔާއެއްގެ ސަބަބުން އެ ޓީމްގައި ފަލްކާއޯ ހޭދަކުރި ފުރަތަމަ ދުވަސްކޮޅު ގިނަ މެޗުތަކެއް މިސްވެފައި ވާއިރު، އޭނާ މިހާތަނަށް ފެނިގެން ގޮސްފައި ވަނީ ޔުނައިޓެޑް ކުޅުނު އެންމެ 13 މެޗުންނެވެ.
މިދިޔަ އާދިއްތަ ދުވަހު ސައުތޭމްޕްޓަނާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުން ފަލްކާއޯ ފެނިގެން ގޮސްފައި ނުވާއިރު، އެ މެޗުގެ ބެންޗަށްވެސް އޭނާ ނަގާފައެއް ނުވެއެވެ. އެކަމާ ގުޅިގެން އޭނާއަށް ބޮޑު ޝޮކެއް ލިބިފައި ވާކަމަށް ޚަބަރުތައް ފެތުރިފައި ވާއިރު، އެ މެޗުގެ ކުރިން ޔުނައިޓެޑް ކުޅުނު ފަސް މެޗުންވެސް ފެނިގެން ދިޔަ ފަލްކާއޯ ވަނީ އެ މެޗުތަކުގައި ޔުނައިޓެޑަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.