06 Feb 2011, 10:11
ކަރަކާސް : މިސްރުގައި ހިނގަމުންދާ ގަޑުބަޑުގެ ސަބަބުން ސްވޭސް ކެނެލް ބަންދުކުރާ ހިސާބަށް ކަންތައްތައް ހިނގައްޖެނަމަ ތެލުގެއަގު ފީފާއަކަށް 200 ޑޮލަރަށް މައްޗަށް ދިޔުމުގެ ބިރު އެބައޮތް ކަމަށް ވެނެޒުއެލާއިން ބުނެފިއެވެ.
ދުނިޔޭގައި އެންމެބޮޑު ތެލުގެ ރިޒާވްއޮތް އެއްޤައުމު ކަމަށްވާ ވެނެެޒުއެލާގެ ތެލާބެހޭ ވަޒީރު ރަފައީލް ރާމީރީޒް ކަރަކާސްގައި ދެއްވި ބަޔާނެއްގައި ވިދާޅުވިގޮތުގައި މިސްރު ހަމަނުޖެހުންތަކުގެ ނަތީޖާ ދާނެގޮތެއް ނޭންގޭތީ ސްވޭސްކެނެލް ހުރަސްކޮށް ކުރެވޭ ދަތުރުތަކަށް ހުރަސްނޭޅޭނެ ކަމުގެ ޔަގީންކަން ނެތްކަމުގައެވެ. ސްވޭސް ކެނެލްގެ ދަތުރުތަކަށް ހުރަސް އެޅިއްޖެނަމަ ތެލުގެ އަގު ވަރަށް ބޮޑުވެގެންދާނެ ކަމަށް ތެލުގެ ވިޔަފާރީގައި ޙަރަކާތްތެރިވާ ފަރާތްތަކުންވެސް ބުނެއެވެ. ހުޅަނގުގެ ޤައުމުތަކަށް އެތެރެކުރާ ތެލުގެ ތިންބައިކުޅަދެބައި އެތެރެކުރަނީ ސްވޭސް ކެނެލްގެ މަގުންނެވެ.
ސްވޭސް ކެނެލް ބަންދު ކޮށްފިނަމަ އެކަމަށް ރައްދުދޭނެ ކަމަށް އެމެރިކާވަނީ ބުނެފައެވެ. މިސްރުގެ ގަޑުބަޑުތަކާގުޅިގެން ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. ނަމަވެސް ފާއިތުވި ދެދުވަހު ވަނީ ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށްވުރެ ދަށަށްގޮސްފައެވެ.