14 Jan 2015, 12:35
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މިނިސްޓްރީން ކޮންމެ އަހަރުކުވެސް ހިންގަމުން ދާ ދަނޑުވެރިކަމުގެ ކުރު ތަމްރީނު ޕްރޮގްރާމްތަށް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް އެ މިނިސްޓްރީން ނިންމައިފި އެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ދަނޑުވެރިކަމުގެ ކޯސްތަށް ހިންގުމަށް ހަމަޖެހިފައި ވަނީ ރަށްރަށުގެ ކައުންސިލްތަށް ނުވަތަ އަމިއްޖަ ޖަމިއްޔާ ޖަމާއަތް ތަކާއި ގުޅިގެން ކަމަށާއި، އެހެންކަމުން އެ މިނިސްޓްރީއާ ގުޅިގެން ދަނޑުވެރިކަމުގެ ކޯސްތައް ހިންގުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލުގެ ނުވަތަ އެ ޖަމިއްޔާއެއްގެ ސިޓީއާ އެކު އެގްރިކަލްޗާ މިނިސްޓްރީއަށް އަންނަ މަހުގެ 10 އެއްގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ.
އެގްރިކަލްޗަރަލް މިނިސްޓްރީން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ވިޔަފާރި ކުރާނެ ގޮތާއި، ކުކުޅާއި ކުދި ޖަނަވާރު ގެންގުޅުމުގެ ތަމްރީނާއި، ފެނުގައި ގަސް އިންދާ ހައްދާނެ ގޮތާއި، ގޯތި ތެރޭގައި ގަސް އިންދާ ހެއްދިދާނެ ގޮތްތަކާ ބެހޭ ކޯހުގެ އިތުރުން، ގަސްގަހަށް ޖެހޭ ތަފާތު ބަލި ދެނެ ގަނެ، ފަރުވާ ދޭނެ ގޮތް ދަސްކޮށްދޭ ކޯހެއްވެސް ހިމެނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ކޯސްތަކުގައި އަސާސީ ތައުލީމް ފެންވަރުގެ ހުރިހާ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ.