14 Jan 2015, 12:27
އެމްޓީސީސީއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން 43 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޓީސީސީގެ މިއަހަރަށް ރޭވިފައި ހުރި ކަންތައްތަކާ ބެހޭ ގޮތުން ސަންޓީވީގެ "ފަންސާސް މިނިޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ސީއީއީ އިބްރާހިމް އަބަދުއް ރައްޒާގު ހަލީމް ވިދާޅުވީ ޖުމް 28 ރަށެއްގައި 43 މަޝްރޫއެއް މިހާރު ކުރިއަށް ދާ ކަމަށާއި އޭގެ ތެރެއިން 90 ޕަސެންޓް މަޝްރޫއަކީ ސަރުކާރުން އެމްޓީސީސީއަށް ދީފައިވާ މަޝްރޫއުތައް ކަމަށެވެ.
އެމްޓީސީސީ މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން 25 މަޝްރޫއަކީ ބަނދަރު ހެދުމުގެ މަޝްރޫއު ކަމަށާއި، އޭގެ އިތުރުން ހަތަރު ރަށެއްގެ ބިން ހިއްކުމާއި ހަ ރަށެއްގެ އެއްގަމު ތޮށި ހިމާޔަތް ކުރުމުގެ މަސައްކަތާއި ފުޓްސަލް ދަނޑުތަކެއްގެ މަސައްކަތް 11 ރަށެއްގައި ކުރިއައް ގެންދާ ކަމަށް ރައްޒާގު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަ މަޝްރޫއެއް ފިޔަވައި އެހެން ހުރިހާ މަޝްރޫއުތަކަކީ މަސައްކަތް ފެށިގެން ކުރިއަަށްދާ މަޝްރުއުތަކެއް ކަމަށާއި، ހުރިހާ މަސައްކަތެއް ނިމިގެންދާއިރު، ކުންފުންޏަށް އެދެވޭ ފައިދާތަކެއް ކުރާނެ ކަމަށެވެ.
އެމްޓީސީސީން މަޝްރޫއުތަށް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި، ރައްޒާގު ވިދާޅުވީ އެއްގަމު ތޮށި ހެދުމާއި، ބޮޑު ހިލަ ޖެހުމަކީ ވަރަށް ބޮޑު ހަރަދެއްދާ ކަމެއް ކަމަށާއި، ވޭތުވެދިޔަ 2013 ވަނަ އަހަރު އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ބޮޑުހިލަ ލިބުމުގައި ދަތިތަކެއް ދިމާވުން ކަމަށެވެ.
"ބޮޑުހިލަ ގެންނަން ޖެހުނީ ބޮޑު އަގުގައި، އެކަމާ ގުޅިގެން ވަރަށް ގިނަ މަޝްރޫއުތަކެއް މަޑުޖެހިގެން ދިއަ، ނަމަވެސް ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުން މިއަހަރު ބޮޑު ހިލަ ހެޔޮ އަގުގައި ލިބޭގޮތަށް މިވަނީ ހަމަޖެހިފައި،" ރައްޒާގު ވިދާޅުވި އެވެ.
މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކާއި ދިމާވި ނަމަވެސް ކުންފުނީގެ މުވައްޒަފުންގެ ހީވާގިކާމާއި އެހީތެރިކަމާއެކު، އެއްވެސް އުނދަގުލަކާ ކުރިމަތިނުލައި ކުރިއަށް ދެވޭކަން ރައްޒާގު ވަނީ ފާހަގަ ކުރައްވާފަ އެވެ. އެމްޓީސީސީގެ ހުރިހާ މަޝްރޫއުތަކަށް ވޭތުވެދިޔަ އަހަރު ފައިދާގެ ގޮތުގައި 80 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.