އެމްޑީޕީގެ ފައިސާ ޚަރަދު ކުރަނީ ވަކި ބަޔަކު ބޭނުންވާ ދަތުރުތަކެއް ކުރުމަށް ކަމަށާއި ޕާޓީގެ ފައިސާ އަށް ވާނުވާ ނޭނގޭ ކަމަށް އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެ ޕާޓީގެ ގިނަ މެމްބަރުން ކާމިޔާބު ކުރީ އަމިއްލަ އަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން ކަމަށެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި 85 ކެންޑިޑޭޓުން މަޖިލީސް އިންތިޚާބުގައި ވާދަކުރެއްވި އިރު އެބޭފުޅުންނަށް އެކަށީފގެންވާ ގޮތުގައި ފައިސާ ދީފައިނުވާ ކަމަށާއި ފައިސާ ޚަރަދު ކުރަމުން ދިޔައީ ވަކިބަޔަކު ބޭނުންވާ ދަތުރުތަކެއް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ފައިސާ ބަހައްޓައިގެން ވަކި ބަޔަކު ބޭނުންވާ ދަތުރުތައް ކުރުމަށް އެ ފައިސާތައް ޚަރަދުކޮށްފައި ވަނީ. އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް ކުރަމުން ދިޔަ. 85 ކެންޑިޑޭޓުން ކުރިމަތިލިއިރުގައި އެކަށީގެންވާ ގޮތުގައި އެ ފައިސާ ނުދޭ. އަޅުގަނޑުމެންގެ ރިޔާސީ އިންތިޚާބުގެ ބަޖެޓު ނިމުނު އިރުގައި ޚަރަދުކޮށްފައި ބައިވަރު އުރި ބާކީ. އެ ލާރީތައް ޚަރަދު ކުރަނީ ޕާޓީގެ ލީޑާޝިޕްގެ ބައެއް ކަހަލަ ޚަރަދުތަކަށް. އެކަމުގެ ޝަކުވާ ވަރަށް ބޮޑުތަނުން ބޮޑުވެގެން ދިޔަ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މަޖިލިސް އިންތިޚާބަށް ޚަރަދުކުރުމަށް އެކަށީގެންވާ ގޮތެއްގައި މެމްބަރުންނަށް ފައިސާ ދީފައިނުވާ ކަމުގެ ޝަކުވާ ވަރަށް ބޮޑުވެގެން ދިޔަ ކަމަށާއި އެމްޑީޕީއަށް ގިނަ ގޮނޑިތައް ގެއްލިގެންދިޔައީ އެ ސަބަބާ ހެދި ކަމަށެވެ.

ޕާޓީގެ އެކި ދާއިރާތަކަށް ފައިސާ ބެހުމަށް ގައުމީ މަޖިލީހުގެ ޖަލްސާތަކުގައި ތަކުރާރުކޮށް އެދިވަޑައިގެންފައިވާނެ ކަމަށާއި އެހެންނަމެސް ޕާޓީން އެކަމަށް އިޖާބަދީފައިނުވާ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ފައިސާ ޚަރަދުކުރާ ގޮތުގެ ވާހަކަ އޭނާ ދައްކާތީ ޕާޓީގެ ލީޑާޝިޕުން އުޅެނީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.