14 Jan 2015, 11:51
އެމްޑީޕީން ގާނޫނު އަސާސީއާ ޚިލާފަށް މައްސަލަ ނިންމިކަމުގައި ވިޔަސް އިލެކްޝަންސް ކޮމިޝަނުން އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ އޭނާ ޕާޓީން ވަކިކުރި މައްސަލަ އެމްޑީޕީގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅުމުން މައްސަލަ ބެލުމަށް ފަހު ރޭ އެ މަޖިލީހުން ނިންމުން ނިންމާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.
މޫސަ ވިދާޅުވީ އޭނާ ޕާޓީން ވަކިކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައި ކަމަށާއި ގާނޫނު އަސާސީއާ ޚިލާފަށް އެކޮމިޝަނަށް ނިންމުންތައް ނުނިންމޭނެ ކަމަށެވެ. އެހެންކަމުން ޝަރީއަތަށް އެ މައްސަލަ ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"ޝަރީއަތަކާ ހަމައަށް ދާކަށް ނުޖެހޭނެހެން އަޅުގަނޑަށް ހީވަނީ. އިލެކްޝަންސް ކޮމިޝަނަކުން ނުނިންމޭނެ ނޫންތޯ ގާނޫނު އަސާސީއާ ޚިލާފަކަށެއް. ޕާޓީއަކުން ނިންމިއަސް،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާ އިން ސިޔާސީ ޕާޓީތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 26 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
އެހެންކަމުން އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކުރެއްވިޔަސް ފަސް އަހަރު ވަންދެން އެއްވެސް އިންތިޚާބެއްގައި އޭނައަށް ވާދަނުކުރޭވޭނެ ކަމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް މޫސަ ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ށ)ގައި މި ބުނަނީ އިންތިޚާބުތަކުގައި އެކި މަގާމްތަކަށް ކުރިމަތިލުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވެޔޭ. ވަކި ޕާޓީއަކުން ބާއްވާ ވަކި އިންތިޚާބެކޭ ނޯވެ،" މޫސަ ވިދާޅުވި އެވެ.
ގާނޫނު އަސާސީ 109 ވަނަ މާއްދާގައި ބުނާ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށާއި އޭނާގެ އެންމެ ބޮޑު އަމާޒަކީ 2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ 2018ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ކުރިމަތިލުން. އިރާދަކުރެއްވިއްޔާ އެކަން ކުރާނަން. ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އެކަން ޕާޓީގެ އާންމުމެމްބަރުން ބަލައި ވެސް ގަންނާނެ. އަދި ޕާޓީގެ ލީޑާޝިޕުން އަޅުގަނޑު ބޭރުކޮށްލަން ނިންމިކަމަށް ވިޔަސް،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުން ރޭ ނިންމި ނިންމުމުގައި ވަނީ މޫސަ އަކީ ތަކުރާރުކޮށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިނާ ޚިލާފުވެވައިވާ ބޭފުޅެއް ކަމަށެވެ.