މިދިޔަ އަހަރު ރާއްޖެ އަށް މުދާ އިމްޕޯޓް ކުރި މިންވަރު 30.7 ބިލިއަން ރުފިޔާ އަށް އެރި އިރު އެކްސްޕޯޓް 2.2 ބިލިއަން ރުފިޔާ އަށް އަރައިފި އެވެ. އިމްޕޯޓްކުރި މިންވަރު އިތުރުވި އިރު އެކްސްޕޯޓްކުރެވުނު މިންވަރު ވަނީ ދަށަށްގޮސްފަ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބްތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެ އަށް މުދާ އެތެރެކުރެވުނު މިންވަރު ވެސް ވަނީ 2013 ވަނަ އަހަރާ އަޅާބަލާ އިރު 15 ޕަސެންޓް އިތުރުވެފަ އެވެ. ދެހާސް ތޭރަ ވަނަ އަހަރު 26.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު، 2014 ވަނަ އަހަރު އެތެރެކޮށްފައި ވަނީ 30.7 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރުގެ އިމްޕޯޓަށް ބަލާއިރު އިމްޕޯޓުގެ 27 ޕަސެންޓަކީ ތެލެވެ. އެއީ 8.3 ބިލިއަން ރުފިޔާގެ ތެޔޮ އެތެރެެކޮށްގެނެވެ. ކާބޯތަކެތި އިމްޕޯޓް ކުރި މިންވަރު 6.0 ބިލިއަން ރުފިޔާ އަށް އަރާއިރު 4.8 ބިލިއަން ރުފިޔާގެ މެޝިނަރީއާއި އިލެކްޓްރޯނިކްސްގެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެ އިން އެކްސްޕޯޓް ކުރި މިންވަރު ވަނީ 2013 ވަނަ އަހަރާ އަޅާބަލާ އިރު 12 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެގޮތުން 2013 އަހަރު 2.56 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު، ނިމިދިޔަ އަހަރު އެކްސްޕޯޓްކޮށްފައި ވަނީ ޖުމްލަ 2.24 ބިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމުސް އިން ބުނި ގޮތުގައި 2014 ވަނަ އަހަރު އެކްސްޕޯޓް ދަަށަށް ގޮސްފައިވާ ކަމަށް ބެލެވެނީ ރާއްޖެ އިން މުދާ އެކްސްޕޯޓްކުރާ ބޮޑެތި މާކެޓްތަކެއް ކަމަށްވާ ތައިލެންޑާއި އީރާނަށް އެކްސްޕޯޓްކޮށްފައިވާ މިންވަރު ދަށްވުމެވެ. ނަމަވެސް، އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކަށް މުދާ ބޭރުކުރެވިފައިވާ މިންވަރު 2014 ވަނަ އަހަރު އިތުރުވެފައިވާކަން ފާހަގަވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމުސްގެ އާމްދަނީގެ ތަފާސް ހިސާބްތަކަށް ބަލާއިރު 2014 ވަނަ އަހަރުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި
އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ ވަނީ 22 އިންސައްތަ އިތުރުވެފަ އެވެ. އެގޮތުން އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 2013 ވަނަ އަހަރު 1.61 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ހުސްވި އަހަރު އެ ފީތަކުގެ ގޮތުގައި 1.96 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2014 ވަނަ އަހަރު 1.92 ބިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ މިދިޔަ އަހަރު ކުރެވުނު ޖުމްލަ އިމްޕޯޓްގެ 6 ޕަސެންޓްކަމަށް ކަސްޓަމުސްގެ ތަފާސް ހިސާބްތަކުން ދައްކަ އެވެ.