ދަނޑުވެރި ކަމުގެ މަސައްކަތް ކުރުމަށް ވިކްޓޯރިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ ބ. އުނޑޫދޫގެ ކުލިނުދެއްކުމުން ޖޫރިމަނާއާ އެކު ޖުމްލަ 698،577.17 މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމްގައި ވަނީ ފިޝަރީޒް މިނިސްޓްރީއާ އެކު އެކުންފުނިން ވެފައިވާ އެއްބަސްވުމުގައިވާގޮތުން، ދެ ފަރާތުން އެއްބަސްވެ ސޮއިކުރާ ލިޔުމަކުން ނޫނީ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އިސްލާހު ނުކުރާހާ ހިނދަކު ކުލި ދައްކަންޖެހޭނީ އެއްބަސްވުމުގައިވާ ގޮތުގެމަތިން ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެހެންކަމުން ބ. އުނޑޫދޫއާ ގުޅިގެން ދައްކަންޖެހޭ ކުއްޔާއި، އަދި ކަނޑައެޅިފައިވާ ގޮތަށް ކުލިނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 698،577.17 ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.