ރާއްޖޭގެ ކެރަމް އެސޯސިއޭޝަން ކުރިން ހިންގަމުން އައި އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިން ވަގު ޑޮކިއުމަންޓުތަކެއް އިންޓަނޭޝަނަލް ކެރަމް ފެޑަރޭޝަން (އައިސީއެފް)އަށް ހުށަހެޅި ކަމަށް ބުނާ މައްސަލަތަކެއް ފެންމަތި ވެއްޖެ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި ކެރަމް އެސޯސިއޭޝަންގެ ކުރީގެ އެކްސްކޯ ވަނީ ކެރަމް އެސޯސިއޭޝަން މިހާރު ހިންގަމުން އަންނަ އިންޓެރިމް ކޮމިޓީ އުވާލަން އައިސީއެފްގައި އެދިފަ އެވެ. ނަމަވެސް އެކަން ކުރުމަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ހުށަހަޅަން ކުރީގެ އެކްސްކޯގެ ކިބައިން އައިސީއެފް އެދުމުން، 'ސަން' އަށް އެނގިފައި ވާގޮތުގައި އެ ބޭފުޅުން ފޮނުވާފައި ވަނީ ވަގު ލިޔެ ކިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭ ފަދަ ލިޔެކިޔުންތަކެކެވެ.

އައިސީއެފުން މިދިއަ މަހުގެ މެދުތެރޭ ކެރަމް އެސޯސިއޭޝަން ހިންގުމަށް އިންޓެރިމް ކޮމިޓީއަކާއި ހަވާލުކުރަން ނިންމީ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓެރީ އާއި އިތުރު މެންބަރުންތަކެއް އިސްތިއުފާ ދެއްވުމުން، އެކްސްކޯގެ ކޯރަމް ހަމަ ނުވާ ކަމަށް ބުނެ އެވެ. އެކަމާ ގުޅިގެން އެ ނިންމުން އުވާލަން ކުރީގެ އެކްސްކޯއިން އައިސީއެފްގައި އެދިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ އެ އެސޯސިއޭޝަނަށް ޖެނެރަލް ސެކްރެޓެރީއެއް އައްޔަނު ކޮށްފައިވާ ކަމަށާއި، އެ ކޮމިޓީގެ ކޯރަމް ހަމަވާ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އައިސީއެފުން ވަނީ ކުރީގެ އެކްސްކޯގެ ކިބައިން ޖެނެރަލް ސެކްރެޓެރީއެއް އައްޔަނު ކުރި ކަން ސާބިތުކޮށް ދޭ ލިޔެކިޔުންތައް ފޮނުވަން އެދިފަ އެވެ. ނަމަވެސް އެ ބޭފުޅުން ފޮނުވި ބައެއް ލިޔެ ކިޔުންތަކުގެ ތާރީހުތައް ދިމާ ނުވާ ކަމަށާއި، އެ ލިޔެކިޔުންތައް ސާބިތު ކުރަން ކުރީގެ އެކްސްކޯގެ ބައެއް ބޭފުޅުންނަށް ގުޅުމުން، އެ ލިޔެކިޔުންތަކާމެދު ޝައްކު އުފެދޭފަދަ ކަންތައްތަކެއް ފެންމަތިވެފައިވާ ކަމަށް އައިސީއެފުން ވަނީ ބުނެފަ އެވެ.

އައިސީއެފުން ބުނެފައި ވަނީ ރާއްޖޭގެ ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުގައި ކެރަމް އެސޯސިއޭޝަނަށް ޖެނެރަލް ސެކްރެޓެރީއެއް އައްޔަނު ކުރިކަން ރަޖިސްޓްރީ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ޖެނެރަލް ސެކްރެޓެރީއެއް އައްޔަނު ކުރަން އާންމުކޮށް އިއުލާނު ކޮށްފައި ނުވާ ކަމަށް ވެސް އެކްސްކޯއިން އިސްތިއުފާ ދެއްވި ބައެއް ބޭފުޅުން ޔަގީންކޮށްދީފައިވާ ކަމަށް އައިސީއެފުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކެރަމް އެސޯސިއޭޝަންގެ ކުރީގެ ހިންގާ ކޮމިޓީ އައިސީއެފަށް ހުށަހެޅި ލިޔެކިޔުންތަކުން، މީގެ ކުރިން ވެސް އޮޅުވާލުމުގެ އަމަލުތަކެއް އެ ކޮމިޓީން ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް އައިސީއެފުން ވަނީ ބުނެފަ އެވެ.

އައިސީއެފުން ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އުވާލަން ނިންމި ނިންމުން ކެރަމް އެސޯސިއޭޝަނަށް އަންގާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އަދި އެ ކޮމިޓީގެ ބަދަލުގައި ކެރަމް އެސޯސިއެޝަން ހިންގުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އިންޓެރިމް ކޮމިޓީއެއް އައިސީއެފުން ކަނޑައަޅާފައި ވާއިރު، އިންޓަރިމް ކޮމިޓީގެ މައްސޫލިއްޔަތަކަށް އައިސީއެފުން ކަނޑަ އަޅާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ އެކްސްކޯ އިލެކްޝަނެއް އިންތިޒާމްކޮށް ބޭއްވުމެވެ.