ހދ. ކުޅުދުއްފުށީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގޮސް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކު ޒަހަމްވެއްޖެ އެވެ.

އިއްޔެ މެންދުރު 11:50 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެން ކުއްޖަކަށާއި 19 އަހަރުގެ އަންހެން ކުއްޖަކަށެވެ. ފުލުހުން ވެސް ވަނީ ކުޅުދުއްފުށީގައި އެކްސިޑެންޓެއް ހިނގިކަން ކަށަވަރުކޮށްދީފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ހަސަން ވިދާޅުވީ އިއްޔެގެ އެކްސިޑެންޓްގައި ހޮސްޕިޓަލަށް ގެންދިޔަ 19 އަހަރުގެ އަންހެން ކުއްޖާގެ އަނގަމަތި ފަޅައިގެން ދިއުން ފިޔަވައި އިތުރު އަނިޔާއެއް ބޭރުފުށުން ފެންނަން ނެތުމުން އޭނާ އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް 21 އަހަރުގެ ފިރިހެން ކުއްޖާގެ ބޯފަޅައިގެން ގޮސްފައި ވާތީ އޭނާ އަށް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އަދިވެސް އެޑްމިޓް ކޮށްފައިވާ ކަމަށް މުހައްމަދު ހަސަން ވިދާޅުވު އެވެ.

"އެ ޒުވާނާ (21 އަހަރުގެ) ބޯފަޅައިގެން ދިއުން ފިޔަވައި އިތުރު ބޮޑު ޒަހަމެއް ބޭރުުށުން ނެތް ފެންނާކަށް. އޭނާ އެޑްމިޓްކޮށްގެން އިތުރަށް ފަރުވާ ދޭން ޑޮކްޓަރުން ބޭނުންވާތީ އަދި ދޫކޮށްނުލާ،" މުހައްމަދު ހަސަން ވިދާޅުވި އެވެ.