14 Jan 2015, 11:18
އާގާނޫނުލް އުގޫބާތު ފާސްވެގެން އައުމަކީ ޖިނާއީ އަދުލުވެރިކަން ގާއިމްކުރުމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ހުޅުވޭ ދޮރެއް ކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޙުމަދު ޢަބުދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އާގާނޫނުލް އުގޫބާތަށް ޝަރުއީ ދާއިރާގެ ބޭފުޅުން އަހުލުވެރި ކުރުމަށް "މޯލްޑިވްސް ޕީނަލް ކޯޑް 2014"ގެ ނަމުގައި ބާއްވާ ސެމިނާރެއް ހުޅުއްވައިދެއްވުމުގެ ގޮތުން ނަސަންދުރަ ޕެލަސް ހޮޓަލުގައި ވާހަކަފުޅު ދައްކަވަމުން ފަނޑިޔާރު ޢަބުދުﷲ ދީދީ ވިދާޅުވީ ގާނޫނުލް އުގޫބާތު ފާސްވެފައި މިވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގައި ކަމަށެވެ.
"...ދިވެހި ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކޮށް، ދުނިޔޭގެ އެންމެހާ ދިމިގްރާތީ މުޖުތަމައުތަކުގެ ޖުޑިޝަރީތަކާ ފައިހަމަ ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައި މިފަދަ މުހިއްމު ގާނޫނެއް ފާސްވެގެން އައި ކަމީ ހަގީގަތުގައި ދިވެހިރާއްޖޭގެ ޖިނާއީ އަދުލުވެރިކަން ގާއިމްކުރެއްވުމުގެ ހުންގާނުގައި ތިއްބެވި ފަނޑިޔާރުންނާއި ގާޟީންނަށް ޖިނާއީ އަދުލުވެރިކަން ގާއިމްކޮށްދެއްވުމުގެ ބުރަ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ހުޅުވިގެންދާ ދޮރެއް ކަމުގައި އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ އަމަލުކުރުމަށް ތައްޔާރުވަމުން އަންނަ ގާނޫނުލް އުގޫބާތަކީ ޖިނާއީ ކުށްތަކާއި ކުށުގެ ރުކުންތަކާއި ކުށްތަކުގެ ދަރަޖައާއި އަދަބާއި އަދަބު ކަނޑައެޅުމުގެ ތަފާތު ޖިނާއީ މިންގަނޑުތައް ތަފުސީލުކޮށް ބަޔާންކޮށްފައިވާ ގާނޫނެއް ކަމަށެވެ.
އާ ގާނޫނުލް އުގޫބާތާ ބެހޭ ގޮތުން ބޭނުންވާ މައުލޫމާތާއި ތަމްރީނުތައް މިއަދު ފެށި ސެމިނާރްގެ ބައިވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސެމިނާ އިންތިޒާމްކުރުމުގައި އެހީތެރިވެދިނީތީ ކޮމަންވެލްތަށް ޝުކުރު އަދާކުރައްވައި ވާހަކަ ދައްކަވަމުން ފަނޑިޔާރު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު ވަރުގަދަ ކުރުމަށް އެޖަމާއަތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އަދި އެޖަމާއަތާއި ރާއްޖޭގެ ޝަރުއީ ނިޒާމާއި ދެމެދު އޮތް ފުރިހަމަ ގުޅުން އެގޮތުގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ސެމިނާރު ތައާރަފްކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމަންވެލްތު ސެކްރެޓޭރިއަޓްގެ ލީގަލް އެންޑް ކޮންސްޓްޓިއުޝަނަލް އެފެއާޒް ޑިވިޝަންގެ ލީގަލް އެޑްވައިޒަރް މާކް ގުތުރީ ވިދާޅުވީ ރާއްޖޭގެ އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފަށާއިރު ރާއްޖެއަށް އިރުޝާދު ދިނުމަށް ކޮމަންވެލްތުން އައީ އެޖަމާއަތަކީ މެމްބަރު ގައުމުތަކުގެ މެދުގައި ގާނޫނުގެ ބާރު ނަޖަހައްޓަން މަސައްކަތް ކުރާ ޖަމާއަތަކަށް ވާތީ ކަމަށެވެ. އަދި ވިދާޅުވީ ކޮމަންވެލްތުގެ ގައުމުތައް ހިއްސާ ކުރާ އަގުތަކެއް ހުންނަ ކަމަށާއި ރާއްޖެއަކީ ވެސް މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އެ އަގުތައް ބަލައިގެންފައިވާ ގައުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.