އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި ހަރަކާތްތެރިވާ "ޓޫރިސްޓު ޔުނިޓު"ގެ ފުލުހުން ޕެޓްރޯލް ކުރަން ބައިސްކަލް ބޭނުން ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ ޓޫރިސްޓު ފުލުހުން އައިއެންއައިއޭގައި ބައިސްކަލް ބޭނުން ކުރަން ފަށާފައި މިއަހަރު ކަމަށާއި ކުރިއަށް އޮތްތަނުގައި އައިއެންއައިއޭގެ ޕެޓްރޯލުކުރުމަށް ފުލުހުން ދާއިމީ ގޮތެއްގައި ބައިސްކަލް ބޭނުން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުން، ޓޫރިސްޓުން ހަރަކާތްތެރިވާ ސަރަހައްދަކަށް ވުމުން އެފަރާތްތަކުގެ ސަލާމަތްކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބައިސަކަލް ބޭނުންކުރުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެޓްރޯލް ކުރުމަށް ފުުލުހުން ބައިސްކަލް ބޭނުންކުރިޔަސް ފުލުހުންގެ އެހެނިހެން ވެހިކަލްތައް އައިއެންއައިއޭގައި ބޭނުން ކުރާނެ ކަމަށެވެ.

އައިއެންއައިއޭގައި ފުލުހުން ބައިސްކަލް ބޭނުން ކުރަން ފަށާފައިވާއިރު ފުލުހުން މިހާރު ވެސް ދަނީ ވިލިމާލެ އާއި އަތޮޅުތެރޭ ބައެއް ރަށްތަކުގައި ވެސް ބައިސްކަލް ބޭނުން ކުރަމުންނެވެ.