06 Feb 2011, 10:10
ވޮޝިންޓަން : ދާދިފަހުން މިސްރުގެ ނައިބު ރައީސް ކަމުގެ މަޤާމަށް ޢައްޔަންކުރެވުނު ޖެނެރަލް ޢުމަރު ސުލައިމާން އަވަހާރަކޮށްލަން ކުރެވުނު މަސައްކަތަކުން އޭނާ ސަލާމަތްވެ ވަޑައިގެންފައިވާ ކަމަށް އެމެރިކާގައި ޝާއިޢުކުރެވުނު މީޑިޔާ ރިޕޯޓެއް ބުނެފިއެވެ. މިރިޕޯޓް ބުނާގޮތުން ޢުމަރު ސުލައިމާން އަވަހާރަކޮށްލުމަށް ކުރެވުނު މަސައްކަތުގައި އޭނާގެ ހަށިފާރަވެރިންގެ ދެމީހަކު މަރުވިއެވެ. ނަމަވެސް މިކަމާބެހޭ އެއްވެސް ތަފްސީލެއް މިރިޕޯޓްގައި ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާގެ ޓީވީ ނެޓްވާކެއް ކަމަށްވާ ފޮކްސް ނިވްޒް އިންވަނީ މިރިޕޯޓް ގެނަސްދީފައެވެ. އެމެރިކާގެ މަސްއޫލުވެރިންވަނީ މިރިޕޯޓްގެ ސައްޙަކަމާބެހޭގޮތުން އެއްޗެއް ވިދާޅުވުމަށް ދެކޮޅުހައްދަވާފައެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވީ މިސްރުގެ ދާޚިލީ ކަންކަމުގައި ހުރި ގޮންޖެހުންތައް މިރިޕޯޓުން ހާމަވާކަމުގައެވެ. (އަލްޖަޒީރާ)