މިހާތަނަށް ދަރިވަރުންނަށް ލިބިފައި ނުވާ ފޮތްތަކުގެ ތެރެއިން ގްރޭޑް 1،2،3 ގެ އިސްލާމާއި ދިވެހީގެ އިތުރުން ގުރުއާންގެ ފޮތްތައް ޗާޕު ކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓުރީއިން ބުނީ އެ ތިން ގުރޭޑްގެ ތިން މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި ޓީޗަރުންގެ ފޮތްތައް ޗާޕްކުރަން ޝައުގުވެރިވާ ފަރާތްތަކުން މާދަމާ އެ މިނިސްޓުރީއިން މައުލޫމާތު ސާފު ކުރުމަށްފަހު މި މަހު 20 ވަނަ ދުވަހު 2:00 އަށް އަންދާސީ ހިސާބު ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކަކުން ތިނަކަށް، އާ މަންހަޖެއް ތައާރަފްކޮށް، އެ މަންހަޖުގެ ދަށުން ބޭނުން ކުރާ ބައެއް ފޮތްތައް އަދިވެސް ޕްރިންޓެއް ނުވެ އެވެ.

ޓެކްސްޓް ފޮތްތަކުގެ މައްސަލައިގައި ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ނުނިމި ހުރި މާއްދާތަކުގެ ފުރަތަމަ ދެ ބައި އެ ވުޒާރާގެ ވެބްސައިޓަށް އަޕްލޯޑްކޮށް، ސްކޫލްތައް މެދުވެރިކޮށް އެ ފިލާވަޅުތައް ދަރިވަރުންނަށާއި ޓީޗަރުންނަށް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕްރިންޓް ކުރުމަށްދާ ހަރަދު އެ ވުޒާރާއިން ސްކޫލްތަކަށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗާޕުކޮށްފައިވާ އެހެން ފޮތްތަކުގެ މައްސަލަތަކެއް އުޅޭ ކަމަށް ބެލެނެވެރިން ވަނީ ޝަކުވާކޮށްފަ އެވެ. އެ ގޮތުން އެ ފޮތްތަކުގެ ގަނޑުތައް ތުނި ކަމުން، ފޮތްތައް ވަރަށް ދެރަވަރު ކަމަށް ބުނެ، ބެލެނެވެރިންދަނީ ޝަކުވާ ކުރަމުންނެވެ.