ފިހާރައަކުން ބޮޑީ ސްޕްރޭ ދެ ފުޅި ވަގަށް ނެގި މީހަކު ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ނ. ވެލިދޫ ގޯބުލިގޭ އިބްރާހީމް އަލީގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބުރުޒުމަގުގައި ހުންނަ އީވޯ މާޓް ފިހާރައިން ވައްކަންކޮށްފައިވާތީއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ދައުލަތުގެ ދައުވާގައިވާ ފަދައިން އީވޯމާޓް ފިހާރައިން މަލްބަރޯ ބްރޭންޑުގެ ދެފުޅި ބޮޑީ ސްޕްރޭ ވަގަށް ނަގާފައިވާކަން ހެކީންގެ ހެކިބަހުންނާއި ދައިލަތުން ހުށަހެޅި ވީޑިއޯ ފްޓޭޖުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ވައްކަމުގެ މައްސަލައިގައި އިބްރާހީމް އަލީ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު، އޭނާގެ އަތުގައި އޮތް ފޮތި ކޮތަޅެއްގެ ތެރެއިން ދެ ފުޅި ބެޓީނާބާޓީ ލޯޝަނާއި އާފްޓާޝޭވް ހަތަރު ފުޅި ފެނިފައިވާ ކަމަށާއި އެތަކެއްޗަކީ ގ. ޕިކްޗާގޭގެ ގްރައުންޑް ފްލޯގައި ހުންނަ ކޮއިލްމާޓް ފިހާރައިން ވަގަށް ނަގާފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށް ދައުވާގައި ވެއެވެ.

އެހެންނަމަވެސް އެ ފިހާރައިގެ ވެރިފަރާތުން ވަނީ ދައުވާ ކުރަން ބޭނުންނުވާ ކަމަށް ބުނެފައެވެ. މިއީ އިބްރާހީމް އަލީގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ތިން ވަނަ ފަހަރު ކަމަށް ވެސް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވެއެވެ.