ވޮލީބޯޅަ އެސޯސިއެޝަނުން މިހާރު ކުރިއަށް ގެންދާ ދެވަނަ ޑިވިޝަންގެ ގައުމީ ވޮލީ ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، މޯލްސްޑިވްސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން (އެމްއެސްސީ) ގްރޫޕް 'އޭ' ތާވަލްގެ އެއްވަނަ ހޯދައިފިއެވެ.

އިއްޔެ ރޭ ކުޅުނު ގަރޫޕް 'އޭ' ގެ އެންމެ ފަހު މެޗުގައި އެމްއެސްސީއާ ދެކޮޅަށް ވާދަކުރީ އެސޯސިއޭޝަން ފޯ ކޮމަންޑޫ ޔޫތު ޑިވަލޮޕްމަންޓް (ކޭވައިޑީ) އެވެ. ވާދަވެވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗު އެމްއެސްސީ ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުން ނެވެ.

މެޗުގެ ފުރަތަމަ ސެޓު 22-25 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކޭވައިޑީ އެވެ. ނަމަވެސް އެމްއެސްސީ ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ބާކީ ސެޓުތައް 21-25، 16-25 އަދި 21-25 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ މުބާރާތުގައި އެމްއެސްސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ދީޕްތީ ރޮމޭޝް އެވެ.

ލީގުގައި އެމްއެސްސީ ގްރޫޕް 'އޭ' ގެ އެއްވަނަ މަގާމް ހޯދިއިރު، އެ ޓީމް ވަނީ ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، މުބާރާތުގެ ސެމީން ޖާގަ ކަށަވަރު ކޮށްފައެވެ. އަދި ގްރޫޕް 'އޭ' ގައި އެ ޓީމް ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް، ކޭވައިޑީވެސް ވަނީ ގްރޫޕް 'އޭ' ގެ ދެވަނަ ޓީމެއްގެ ގޮތުގައި ލީގުގެ ސެމީން ޖާގަ ކަށަވަރު ކޮށްފައެވެ.

ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ކްލަބް ހާފްލައިން ލިންކޭޖް އާއި އެސޯސިއޭޝަން ފޯ އެވެއާނެސް ރެކްރިއޭޝަން އެންޑް ޔުނިޓީ (އޭއޭއާރް) އެވެ. އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޭއޭއާރް އެވެ. މެޗުގައި އޭއޭއާރްއަށް ކާމިޔާބު ކުރެވުނު ތިން ސެޓު އެ ޓީމުން ކާމިޔާބު ކުރީ 13-25، 27-29 އަދި 24-26 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގައި ކްލަބް ހާފްލައިން އަށް ކާމިޔާބު ކުރެވުނު ހަމައެކަނި ސެޓު ކާމިޔާބު ކުރެވުނީ 20-25 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭއޭއާރްގެ ހަސަން ނާފިއު އެވެ.

ގްރޫޕް 'އޭ' ގައި ހިމެނޭ ދެ ޓީމް ކަމަށްވާ އޭއޭއާރް އާއި ހާފްލައިން ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވުމުން، އެ ދެ ޓީމަށް ވަނީ ލީގުގެ ސެމީން ޖާގަ ގެއްލި، މުބާރާތުން ވަކިވާން ޖެހިފައެވެ.

ލީގުގައި މިއަދު ކުޅެން ހަމަޖެހިފައި ވަނީ ގްރޫޕް 'ބީ' ގެ އެންމެ ފަހު މެޗުތަކެވެ. މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ އައިލެންޑް ޑިވަލޮޕްމަންޓް އެންޑް އެންވައިރަމެންޓް އެވެއާނެސް ސޮސައިޓީ އާއި ޔޫތު ނިއު ޖެނެރޭޝަން އެވެ. އަދި މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ކްލަބް ވެލެންސިޔާ އާއި ކްލަބް ޕީކޭ އެވެ.