ސައިކަލެއް ވަގަށް ނެގި މީހަކު ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މ. ހިކަދިމާގޭ ހަސަން ނާޒިމް،40، ގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ 1:00 އެހައިކަންހާއިރު، އީވްކްލިނިކް ކައިރިން އޭނާ ސައިކަލެއްގައި ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައި ޗެކްކުރި އިރު އޭނާ ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމުގައި ވާތީ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އޭނާ ދުއްވި ސައިކަލްގެ މައުލޫމާތު ފުލުހުން ސާފުކުރިއިރު، އެ ސައިކަލަކީ އއ. ހިމަންދޫ ފައިންޝޭޑް މޫސާ އިބްރާހީމްގެ ސައިކަލެއްކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމުން އެ ސައިކަލަކީ ހުސައިން ކިޔާ މީހަކު އޭނާ ދުށްވަން ދިން ސައިކަލެއް ކަމަށް ނާޒިމް ބުނިނަމަވެސް އޭނާއަށް އެކަން ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

މިއީ އޭނާގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.