14 Jan 2015, 09:48
މަޖީދީމަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީމެވެ. މަޖުބޫރު ވެގެންނެވެ. މުޅި އެ ސަރަހައްދު ފުރާލާފައި ވަނީ ސައިކަލްތަކުންނެވެ. ޕޭވްމަންޓުން ފައިބައި އެހެން ކޮޅަކަށް ދިއުމަށް ޖެހެނީ ދިގު ހިނގުމެއް ހިނގާށެވެ. އެތަނުގައި ހުއްޓިލައިގެން ހުރި ވިއްސަކަށް މިނެޓު ތެރޭގައި އެންމެ ބޮޑަށް ފާހަގަވި ކަމަކީ ބޭންކަށް އެކިއެކި ހިދުމަތް ހޯދަން އަންނަ ފަރާތްތަކުން ސައިކަލް ޕާކް ނުކުރެވިގެން އުޅޭ ހާލެވެ. އެންމެ ފަހުން ޖެހުނުތާކު ސައިކަލް ބަހައްޓާފައި އެމީހުން ބޭންކަށް ވަންނަ މަންޒަރެވެ. ނަތީޖާ އަކަށް ވަނީ 500 ރުފިޔާ އޭޓީއެމް އިން ނަގަން ވަންނަ މީހާ ފައިސާ ނަގައިގެން ސައިކަލާ ހަމައަށް އަންނައިރު މިއޮންނަނީ އެތައް ރުފިޔާއަކުން ޖޫރިމަނާކޮށްފަ އެވެ.
އެހިޔާލުގައި ހުރެ ހިނގައިގަތީމެވެ. ދެތިން ފިޔަވަޅު އެޅުނު ތަނާހެން ފެނުނީ ހުސްބޮޑު ބިމެކެވެ. އެތަން ވަނީ ރީނދޫ ކުލައިގެ ގޮޅިތަކެއް ހަދާފައެވެ. ޖާގަބޮޑު ސަރަހައްދެކެވެ. އާނއެކެވެ. އެއީ ހީނާމާގޭ ޕާކިން ޒޯނެވެ. އެތަނުގައި ވަނީ އެއްފަހަރާ އެތައް ސައިކަލެއް ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ. އެމަންޒަރު ފެނިފައި ހައިރާންވެ ހިނިވެސް އައެވެ. ބޭންކަށާއި އެކިއެކި ހިދުމަތްތައް ހޯދަން އަންނަ އެތައް ހާސް ބަޔަކަށް މި ޕާކިން ޒޯން ނުފެންނާތީ އެވެ.

މަޖީދީމަގަކީ ވިޔަފާރިކުރަންދާ މީހުންނާއި ތަފާތު އެހެނިހެން ބޭނުންތަކުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ހަލަބޮލިވެ އުޅޭ މަގަކަށްވާ އިރު އަދި ބޭންކަށް ގިނަ ބަޔަކު ހިދުމަތް ހޯދަން އަންނައިރު ޕާކިން ޒޯންގެ ބޭނުން ހިފާތަނެއް ނުފެނެ އެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތު ތަކުގައި އެ ސަރަހައްދަށް ގޮސް އެތައް ރެއެއްގެ މަތިން ބެލިއިރު ވެސް ފެންނަ މަންޒަރަކީ ފިހާރަތަކުގެ ދޮރުމަތީ ސައިކަލް ޕާކްކޮށްފައި ވިޔަފާރިކުރަން ވަންނައިރު އެއް ފަހަރާ 300 ސައިކަލް ޕާކްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ޕާކިން ޒޯން ފަޅަށް އޮންނަ ކަމެވެ. އެކަން އެގޮތަށް ވަނީ ކީއްވެގެންބާ އެވެ؟
"އެހެން ކިހިނެއް ހިނގާފައިދާނީ، ދެން ސައިކަލް ޒޯނަށް ޖަހާފައި ދާންވީ ހިނގާފައި. އެހާ ބުރަކޮށް އުޅޭއިރު އެހެން ނުދެވޭނެ ދޯ؟ ނުހިނގަންވެގެންދޯ ސައިކަލްގައި މިއުޅެނީ ވެސް. އަނެއްކާ ސައިކަލް ވައްދައި ނެރުން ވެސް އެއީ ބޮޑުކަމެއް،" ޕާކިން ޒޯން ބޭނުން ނުކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުން ޒުވާނަކު ބުންޏެވެ.
މާލޭ ސިޓީ ކައުންސިލް މޭޔަރު މުހައްމަދު ޝިހާބް ވިދާޅުވި ގޮތުގައި ޕާކިން ޒޯންތަކުގެ ބޭނުން މީހުން ހެޔޮގޮތުގައި ނުހިފާ އެއް ސަބަބަކަށް ވެފައިވަނީ "ކޮންމެ ބޭފުޅަކު ވެސް ފިހާރަ ދޮރުމަތީގައި ޕާކްކޮށްފައި ފިހާރަ އަށް ވަންނަން ބޭނުން ވުމުން" ކަމަށެވެ.
"ޕާކިން ޒޯންތައް ހަދާފައި ހުންނައިރު ކާރުތައް ބެހެއްޓޭ ގޮތަށް ހުންނަ ޒޯންތަކުގައި ޕާކްކޮށްފައި ހުންނަ ކާރުތަކަށް މިވަނީ އެ ތަނަކަނީ ދާއިމީ ޒޯންނަކަށް. ނަމަވެސް ހީނާމާގޭ އެއީ ސައިކަލްތަކަށް ހާއްސަ ޒޯންނެއް. އެތަން ތައްޔާރުކޮށްފައި ވާނީ ވެސް ހަމައެކަނި ސައިކަލްތަކަށް ވަދެވޭގޮތަށް،" ޝިހާބް ވިދާޅުވި އެވެ.

ހީނާމާގޭ ޕާކިން ޒޯނަށް ބަލާއިރު ގިނަ މީހުން އެ ޒޯން ބޭނުންކުރަނީ ހިތްފަސޭހަ ކުރަންދާ ޕާކެއްގެ ގޮތުގަ އެވެ. ގިނަ އަދަދެއްގެ ބިދޭސީން ގިނަ ވަގުތު އެމީހުންގެ ރަހުމަތްތެރި ކަމުގެ ގުޅުން ބަދަހިކުރާ މަންޒިލަކަށް އެތަން ވަނީ ހަދާފަ އެވެ. ރެއެއް ދުވާލެއް ނެތެވެ. އެއީ އެމީހުންގެ ކޮފީ މޭޒެވެ. ހަމައެހެންމެ އެތައް ކުޑަކުދިންނެއް ކުޅިވަރުތައް ކުޅުމަށާއި ދުވެ ހަދާލަން ބޭނުންކުރާ ޕާކަކަށް އެޒޯން ވަނީވެފަ އެވެ.
މާލޭގައި ދުއްވާ އުޅަނދުތަކާ އެކަށީގެންވާ މިންވަރަށް މާލޭގައި ޕާކިންޒޯން އެބަ ހުރިތޯ ނުވަތަ ނެތްތޯ، މި ސުވާލަށް ބަހުސް ކުރާކަށް ނެތީމެވެ. މި ރިޕޯޓުގައި މި ބަލަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ޕާކިން ޒޯންތަކުގެ ބޭނުން އެންމެ އެކަށިގެންވާ ގޮތަށް ނުހިފާ މައްސަލައަށެވެ. ޕާކިން ޒޯންތައް އެދެވޭ މިންވަރަށް ނެތް ނަމަވެސް ހުރި ޕާކިންޒޯންތައް ވެސް ބޭނުން ކުރަނީ ރަނގަޅަކަށް ނޫނެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވި ގޮތުގައި ރަނގަޅަށް ބޭނުން ނުހިފާ ޕާކިން ޒޯނަކަށް އޮތީ ހީނާމާގޭ ޕާކިން ޒޯން އެކަނި ކަމަށާއި މާލޭގެ ގިނަ ޕާކިން ޒޯންތައް ވަނީ ފުލްވެފައި ކަމަށެވެ. އަދި އެކަމަށް އެދެވޭ ހައްލެއް ގެނައުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ. މާލެ ރީ ޕްލޭން ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ޕާކިން ޒޯންތަކަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު މާލޭގައި 49605 އުނޅަދު ދުއްވަމުންދާ އިރު އެ އުޅަނދުތައް ޕާކް ކުރުމަށް މިހާރު ހުރި އޭރިއާއަކީ އުޅަނދަކަށް 1.5 މީޓަރު ކަމަށާއި އެ އޮތޯރިޓީގެ ވިސްނުން ހުރީ އެ އަދަދު ދެ މީޓަރަށް ވާނެ މިންވަރަށް ބަދަލުކުރުން ކަމަށެވެ. އެގޮތުން އެ އޮތޯރިޓީން މަސައްކަތް ކުރަމުންދަނީ މާލޭގައި ދުއްވޭނީ ކިހާ އުޅަނދެއްކަން ވަރަށް އަވަހަށް ކަނޑައަޅައި އެކަމަށް އަމަލު ކުރަން ފެށުން ކަމަށެވެ.
"އެގޮތަށް އުސޫލްތައް ކަނޑައެޅީމަ، މާލޭގައި އަލަށް އުޅަނދެއް ރަޖިސްޓްރީ ކުރެވޭނީ ޖާގައެއް ހުސްވީމާ، ނުވަތަ އުޅަނދެއް ބާވެގެން ނައްތާލީމަ،" ނާފިޒް ވިދާޅުވި އެވެ.
ޕާކިން ޒޯންތަކުގެ ދަތިކަން ހުރިކަމަކީ ގަބޫލް ކުރެވޭ ހަގީތަތެކެވެ. އެކަމަކީ އަވަސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެކެވެ. ހަމައެއާ އެކު މިހާރު ހަދާފައިވާ ޕާކިން ޒޯންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެ އެވެ. ފުރަތަމަ ޕާކް ކުރަން އަންނަ މީހާ އެހެން ސައިކަލްތަކަށް ޖާގަ ނުލިބޭ ގޮތަށް ހުރަހަށް ޕާކް ކުރުން ފަދަ ކަންކަން ހުއްޓާލަން ޖެހެ އެވެ. ހަމައެހެންމެ ގަވައިދާ ހިލާފަށް ޕާކްކުރުމުން ބޮޑެތި ޖޫރިމަނާތަކެއް އަންނައިރު ހަދާފައި ހުރި ޒޯންތަކުގެ ބޭނުން ހިފަންޖެހެ އެވެ. ރަނގަޅު ގޮތުގައި ޕާކިން ޒޯންގެ ބޭނުން ނުހިފާކަމުގެ އެއް މިސާލަކީ ހީނާމާގޭ ޕާކިން ޒޯނެވެ.