ނިއުދިއްލީ (ޖަނަވަރީ 12) : މިއަހަރަކީ އިންޑިޔާގެ އިގްތިސާދަށް ފަހި އަހަރެއް ކަމަށާ އިންޑިޔާގެ އިގްތިސާދު 6.4 އިންސައްތާގައި ކުރިޔަށްދާނެ ކަމަށް ވޯލްޑްބޭންކުން ލަފާކޮށްފި އެވެ.

އިންޑިއާގެ ސަރުކާރުން އިންތިޒާމްކޮށްގެން އެގައުމުގައި އިއްޔެ ފެށި އިންވެސްޓްމަންޓް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ވާރލްޑް ބޭންކުގެ ރައީސް ޖިމް ޔޮންގް ކިމް ވިދާޅުވީ 2015 ވަނަ އަހަރު އިންޑިއާގެ އިޤްތިޞާދު ހައެއް ޕޮއިންޓް ހަތަރެއް އިންސައްތާގައި ކުރިއަރާދާނެ ކަމަށް ލަފާކުރެވޭ ކަމުގަ އެވެ. މިއީ ފާއިތުވި ދެތިން އަހަރުތެރޭގައި އިންޑިޔާގެ އިގްތިސާދީ ދުވެލި ކުރިޔަށް ދިޔަ ވަރަށްވުރެ ބާރު ދުވެއްޔެކެވެ.

ޖިމް ވިދާޅުވީ އިންޑިޔާއަކީ އިންވެސްޓްކުރަން ރަނގަނޅު ގައުމެއް ކަމަށާ ބޭރުގެ އިންވެސްޓްމަންޓްތަކަކީ އިންޑިޔާގެ އިގްތިސާދުގެ އިންޖީނު ކަމުގައެވެ. އިންޑިއާއަށް ލިބިފައިވާ އިގްތިސާދީ ޕޮޓެންޝިއަލް އާބެހޭ ގޮތުން ޖިމް ވިދާޅުވީ އިންޑިޔާގެ މެދުފަންތީގެ ތައްލީމީ ޒުވާނުންނަކީ އިންޑިޔާއަށް ލިބިފައިވާ ވަރަށްބޮޑު ރިސޯސެއް ކަމަށާ އިންވެސްޓްމަންޓްތައް ބޭނުންވަނީ މި ހިޔުމަންރިސޯސްގެ ބޭނުން ހިފުމަށް ކަމުގައެވެ.

އިންޑިއާގެ އިޤްތިޞާދީ ކުރިއެރުން މިއަހަރު ހައެއް ޕޮއިންޓް ހަތަރެއް އިންސައްތާގައި އުޅޭނެކަމަށް ލަފާކުރެވޭ އިރު، 2016 ވަނަ އަހަރު މިއަށްވުރެ ވެސް ހަލުވި ދުވެއްޔެއްގައި އިންޑިޔާގެ އިގްތިސާދު ކުރިއަރާ ދާނެކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ.
އިންޑިޔާއަކީ 2013 ވަނަ އަހަރު ދުނިޔޭގެ 10 ވަނަ އިގްތިސާދެވެ. އިންޑިޔާގެ ގައުމީ އާމްދަނީގެ މިންވަރަކީ 2013 ވަނަ އަހަރު 2.05 ޓްރިލިޔަން އެމެރިކާ ޑޮލަރެވެ. ދުނިޔޭގެ ބޮޑު އިގްތިސާދީ ބާރަކަށް ވުމަށްޓަކައި އިންޑިޔާގެ އުމްރާނީ ތަރައްގީ ޒަމާނާ އެއްގޮތަށް ވަރުގަދަ ކުރަންޖެހޭކަން ވޯލްޑްބޭންކުންވަނީ ފާހަގަކޮށްފަ އެވެ. އިންޑިޔާގެ އިންފްރާސްޓްރަކްޗާ ޒަމާނީ ކުރުމަށް ކުރިޔަށްއޮތް ފަސްއަހަރު ތެރޭގައި މަދުވެގެން 1.5 ޓްރިލިޔަން ޑޮލަރު އިންވެސްޓްކުރަންޖެހޭނެ ކަމަށާއި މިވަރަށް އިންޑިޔާގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ޚަރަދު ނުކުރެވިއްޖެ ނަމަ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ ތަރައްގީ ހާސިލްކުރަން ދަތިވާނެ ކަމަށް ކަމާބެހޭ ދިރާސާ ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)