ޕެރިސް (ޖެނުއަރީ 14) : ފަރަންސޭސިވިލާތުގެ ޗާލީ އެބްޑޫ ނޫހަށް މިދިޔަ ހަފްތާގައި ދިން ޙަމަލާތަކުގައި އެނޫހުގެ ކާޓޫން ކުރެހުންތެރިންގެ ބައެއްމީހުންނާއި އެޑިޓަރު މަރާލާފައި ވަނިކޮށް އަނެއްކާ ވެސް ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރަހާފައިވާކަން އެ ނޫހުން ހާމަކޮށްފި އެވެ.

އެނޫހުގެ މަސްއޫލުވެރިއަކު ބުނީ މިއަދު ނުކުންނަ އެނޫހުގެ އަދަދުގައި ކީރިތި ރަސޫލާ އަށް ކާޓޫނު ކުރަހާފައިވާނެ ކަމަށާއި އެކި ފަރާތްތަކަށް ފުރައްސާރަކޮށް ކާޓޫން ކުރެހުން އެނޫހުން ހުއްޓާނުލާނެ ކަމުގަ އެވެ. މިއަދުގެ އަދަދަކީ ހަތިޔާރު އަޅައިގެން ތިބި ބަޔަކު މިމަހު 7 ވަނަ ދުވަހު ޗާލީ އެބްޑޫ ނޫހުގެ މައި އޮފީހަށްވަދެ ހަމަލާ ދީ 12 މީހުން މަރާލި ހާދިސާ އަށް ފަހު އެނޫހުން ނެރޭ ފުރަތަމަ އަދަދެވެ.

ޝާލީ ހެބްޑޫ ނޫހަށް ހަމަލާދީފައި ކަމަށް ބެލެވެނީ އެނޫހުން ކުރިން ރަސޫލާއަށް ކާޓޫނު ކުރަހާފައިވާތީ ކަމަށް ހަމަލާތައްދިން މީހުންގެ އަމަލުތަކުން ސާފުވާކަމަށް އެނޫހުގެ އިދާރާއިން ބުނެއެވެ. އެ ހަމަލާއަށް ގޮންޖެހުމުގެ ގޮތުން ކީރިތި ރަސޫލާއަށް ކާޓޫނު ކުރަހައިގެން މާދަމާ ނެރޭ އަދަދުގެ ތިން މިލިއަން ކޮޕީ ޗާޕްކޮށްފައިވާނެ ކަމަށާ އެނޫހަށް ދިން ޙަމަލާތަކަށް ފަހު އެނޫހަށް ޝައުގުވެރިވާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މީގެ ކުރިން އެނޫހުން އާއްމުކޮށް ޗާޕްކުރަނީ އެންމެ ފަސްދޮޅަސްހާސް ކޮޕީ އެވެ.

ޗާލީ އެބްޑޫ ނޫހުގެ އޮފީހަށާއި ޕެރިހުގެ އެހެން ތަންތަނަށް މިދިޔަ ހަފުތާގައި ދިން ހަމަލާތަކުގައި 17 މީހުން މަރުވެފައިވާ އިރު އެޙަމަލާތަކާ ދެކޮޅަށް އެގައުމުގެ ރައްޔިތުންގެ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން މި ހަފްތާގައި ވަނީ ތިން މިލިއަން މީހުންގެ ހިނގާލުމެއް ބާއްވާފަ އެވެ. ދުނިޔޭގެ ބައެއް ލީޑަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ހިނގާލުމުގައި ވެސް މުސްލިމުންނަށް ޖެއްސުން ކުރުމުގެ ގޮތުން ބައެއް ފަރާތްތަކުން ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫން ކުރަހައި އެކާޓޫންތައް އެހިނގާލުމުގައި ދައްކާލާފައިވެ އެވެ. (ބީބީސީ)