14 Jan 2015, 09:29
ކަޅު ފަތިހާ މަންމަ ހޭލައިފި އެވެ. ބަދިގޭގައި އަވަދިނެތި މަންމަ އުޅެނިކޮށް އަހަންނަށް ހޭލެވުނެވެ. އިރުކޮޅަކުން ނިދާފައި އޮތް ކޮއްކޮއަށް މަންމަ ގޮވަން ފަށައިފި އެވެ. އިރު އަރައިގެން އައި ވަގުތު ގޭތެރެ ވަރަށް ހަލަބޮލިކޮށްލައިފި އެވެ. ވެގެން އުޅޭ ގޮތެއް، އަދި ވާން އުޅޭ ގޮތެއް ސާފެއް ނުވެ އެވެ. ކޮއްކޮ ފާހާނާއިގެން ނުކުމެގެން ބޮލަށް މަހާލީ ސުކޫލް ޔުނީފޯމެވެ. އެ ހިސާބުން މިއަދަކީ ކޮން ދުވަހެއްކަން އެނގުނެވެ. ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހެވެ.
މިފަހަރު އެ ނަސީބުން އަހަރެން މިހުރީ ބާކީކޮށްފަ އެވެ. މިއަހަރު އަހަރެން ސްކޫލަށް ގެންދާނެ ދުވަހެއް ވެސް ނޭނގެ އެވެ. އުފެދުމުގައި ހާއްސަ އެހީއަށް ބޭނުންވެފައިވާ މި ދަރިފުޅަށް މަންމަ އިތުރަށް ކޮށްދެވޭނެ ކަމެއް ނެތެވެ. އަހަރެން ކިޔަވަންދާ ސްކޫލް، ކެއާ ސޮސައިޓީ ހުރީ ތަޅު އަޅުވާފަ އެވެ. ހުޅުވާނެ ދުވަހެއް ވެސް ނޭނގެ އެވެ. އެކަމުގައި އުންމީދެއް ލިބޭނެ ކަމުގައި އަލި މަގެއް ވެސް ނެތެވެ.

"އަޅުނގަޑުމެން ބޭނުން ސްކޫލެއް. އަޅުނގަޑުމެންނަކަށް ނެތް ސްކޫލެއް. ޕްލީޒް، ޕްލީޒް، ޕްލީޒް! އަޅުނގަޑުމެންނަށް އެހީތެރިކަމެއް ފޯރުކޮށްދީ. އަޅުނގަޑާ އަޅުނގަޑުގެ ރައްޓެހިން މި ވަނީ ގޮތް ހުސްވެފައި. އަޅުނގަޑުމެންގެ އަޑު އެއްފަހަރު ނަމަވެސް އައްސަވާ،" ބަންދުކޮށްފައިވާ ކެއާ ސޮސައިޓީގެ ދަރިވަރު ސެރެބްރަލް ޕަލްސީ ޑިސްއެބިލިޓީ ހުންނަ އަހުމަދު އަލީފު ބުންޏެވެ.
މިއަދު އަލީފް ފަދަ ހާއްސަ ކުދިންގެ އުއްމީދުތައް ވަނީ ބަނަވެފަ އެވެ. ކުރިމަގު ދައްކައިދޭނެ އާރުކާޓީއެއް ނެތެވެ. އެ ކުދިންގެ މައިންބަފައިން ވަނީ ގޮތް ހުސްވެފަ އެވެ. ސަރުކާރުތަކުން ފޮނި ހުވަފެންތަކެއް ދެއްކި ކެއާ ސޮސައިޓީ މިއަދު ވަނީ މަގުމަތިވެފަ އެވެ.
"ދިރާސީ އާ އަހަރުގެ ކިޔެވުން އެހެން ސްކޫލްތަކުގައި ފެށިގެންދިޔަ އިރު މި ސްކޫލް މި އޮތީ ވަގުތީ ގޮތުން ބަންދުކޮށްފައި. ކޮންޓްރެކްޓް ހަމަވެ، މިހާރު ކުލި ދައްކާނެ ފައިސާ ނެތިގެން އެތަން އެހެރީ ތަޅު އަޅުވާ ބަންދުކޮށްފައި. ކުދިން ގޮވައިގެން ވަންނާނެ ތަނެއް ނެތް،" ކެއާ ސޮސައިޓީގެ އެކްޒެކެޓިވް ޑިރެކްޓަރު ފާތުމަތު އާފިއާ ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެމުން ދިޔަ ކެއާ ސޮސައިޓީގެ ފަރާތުން ކެއާ ޑިވެލޮޕްމަންޓް ސެންޓަރު (ސީޑީސީ) ކުރިން ހިންގަމުންދިޔައީ އެ ފަރާތަށް 12 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓެއްގެ ދަށުން ލިބުނު ބިމެއްގަ އެވެ. އަދި މިދިޔަ 2013 ވަނަ އަހަރުގެ ޖޫން މަހު އެތަނުގެ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން އެތަން ހިންގީ ބޮޑުކުލި ދައްކައިގެންނެވެ.
"ކޮންޓްރެކްޓް ހަމަވުމުން މަހަކު 48،000 ރުފިޔާ ދައްކައިގެން އުޅުނީ. ހެޔޮ އެދޭ ފަރާތްތަކާއި ޒަކާތު ފަންޑުގެ އެހީއާ އަދި އެ ސެންޓަރުން ހިންގާ ޕްރޮގްރާމްތަކުން ލިބޭ ފައިސާ އިން. ނަަމަވެސް ތަނުގެ ކުލި ދައްކާފައި ކުދިންގެ ޕްރޮގްރާމްތަކަށް ހަރަދު ކުރަން އަދި ޓީޗަރުންގެ މުސާރަ ވެސް ނުދެވޭ،" ކެއާ ސޮސައިޓީގެ ޑައިރެކްޓަ އޮފް ޕްރޮގްރާމްސް އައިޝަތު ލޫބާ ވިދާޅުވި އެވެ.
ކެއާ ސޮސައިޓީގެ އުއްމީދުތައް މިއަދު މި ވަނީ ހުވަފެނަކަށްވެފަ އެވެ. ގޮތް ހުސްވެފަ އެވެ. އެހީތަކަށް ބަރޯސާވެގެން ތަން ހިންގޭކަށް ނެތެވެ. ބޮޑު ކުލީގައި ތަން ހިންގަން އެހީތެރިކަން ދިން ހެޔޮ އެދޭ ފަރާތްތަކުން ވެދެމުން ދިޔަ އެހީތެރިކަން މި މަހުގެ ފަހުން ލިބޭކަށްނެތެވެ. ޒަކާތު ފަންޑުންދޭ އެހީތެރިކަން ވެސް އަންނަ މެއި މަހުގެ ހަމަވާނެ އެވެ.
އެމްޑީޕީގެ ސަރުކާރުންް ހ. ސީވީއު ކިޔާ އިމާރާތެއް ފަސް އަހަރު ދުވަހަށް ސީޑީސީ އަށް ދިނެވެ. ނަމަވެސް ބޭނުން ކުރެވޭ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައިވާ އެ އިމާރާތް މަރާމާތު ކޮށް ކުރު މުއްދަތަކަށް އިންވެސްޓް ކުރާނެ ފަރާތެއް ނުވި އެވެ. އެއަށް ފަހު ރައީސް ވަހީދުގެ ސަރުކާރުން އެ ބިން ސަރުކާރަށް ނެގި އެވެ. އަދި ބީލަމުގެ އުސޫލުން އާންމު ފަރާތަކަށް ހުޅުވާލައިގެން އެތަނުގައި 10 ބުރީގެ އިމާރާތެއްކޮށް، އެ އިމާރާތުގެ ހަތަރު ބުރި 25 އަހަރަށް އެއްވެސް އަގަކާނުލައި ސީޑީސީ އަށް ދިނުމަށް ނިންމައި ކެއާ ސޮސައިޓީއަށް ސިޓީއަކުން އެންގި އެވެ. އެ ސިޓީގެ ކޮޕީއެއް "ސަން" އަށް ވެސް ވަނީ ލިބިފަ އެވެ.
"ހައުސިންގެ ބޭފުޅުން ވެސް މިކޮޅަށް ވަޑައިގަތް. އެތަނުގެ ފްލޯޕްލޭންތަކާއެއްޗެހި ދައްކާ ހެދި. ބިލްޑިން އެއްކޮށް ކުރަހާފައި. އޯކޭ ހެއްޔޭ. ފަހުން ފޮލޯ އަޕެއް ހަދަން ގުޅާލީމާ ވިދާޅުވީ ފިނޭންސުން އަލުން އަތުލައިފި ކަމަށް. ފަހުން ހޯމް މިނިސްޓްރީ އިން ވެސް ހުރިހާ އެންޖީއޯތަކަށް ބިލްޑިންއެއް އަޅާފައި ހުރިހާ އެންޖީއޯއަށް ދެއްވާނެ ކަމަށް ވިދާޅުވި. އެކަމަށް މިހާރު ތިން އަހަރު. އެކަމަކު އޭގެ އަމަލީ ސިފައެއް އައިސްފައެއް ނެތް،" އާފިއާ ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ރައީސް ވަހީދުގެ ސަރުކާރުގެ ޖެންޑާ މިނިސްޓަރު ޑރ. އާމާލް އަލީ ވަނީ ކެއާ ސޮސައިޓީ ހިންގާ އިމާރާތުގެ ކުލި ސަރުކާރުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުގެ ތެރެއިން އެކަން ހަމަޖައްސައި ދެއްވުމަށް ވެސް ވަނީ ނިންމާ، އެކަން ސީޑީސީ އަށް ވަނީ އަންގާފަ އެވެ. އެކަން މީޑިއާއަށް ވެސް ތިލަ ކުރި އެވެ.
"'އެފަދަ މުހިއްމު ތައުލީމެއް ގެއްލުމުގެ ސަބަބުން ގިނަ ބަޔަކަށް ނިކަމެތިކަން ލިބިދާނެތީ' ސީޑީސީ އަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބެންދެން އެތަނުގެ ކުލި ސަރުކާރުން ދެއްވާނެ ކަމަށް ކެބިނެޓުން ނިންމާފައިވޭ،" ޖެންޑާ މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އޭރުގެ ޖެންޑާ މިނިސްޓަރު އާމާލް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި މިހާރުގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސީޑީސީގެ ބެލެނިވެރިންނާއި ޓީޗަރުންނާއި ބައްދަލުކުރެއްވި އެވެ. ބެލެނިވެރިންގެ އުއްމީދުތައް އާކޮށްދެއްވި އެވެ. ޕީޕީއެމްގެ ސަރުކާރެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމުދޭ ސީޑީސީ އަށް ބިމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"ކެއާ ސޮސައިޓީ އަށް ބިމެއް ނުދެވޭންވީ ސަބަބެއް ނެތް. ސްކޫލުތަކަށް ބިންދޭ ފަދައިން ދާއިމީ ގޮތެއްގައި ކެއާ ސޮސައިޓީ އަށް ވެސް ބިމެއް ނުވަތަ ބިމެއް ލިބޭ ގޮތް ނުވެއްޖެ ނަމަ ބިމެއްގެ ކުލި ލިބޭނެ ގޮތެއް ހޯދައްވައި ދެއްވާނަން. ކެއާ ސޮސައިޓީ ކުދިން މަގުމައްޗެއް ނުވާނެ،" ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އޭރު ވިދާޅުވި އެވެ.
ނަމަވެސް ކެއާ ސޮސައިޓީން ބުނީ، އެފަދަ އެއްވެސް ވާހަކައެއް އެ ސެންޓަރާ އޭގެ ފަހުން ދައްކާފައި ނުވާ ކަމަށެވެ. އަދި އެ ސެންޓަރުން ބޭނުން ވަނީ މިލްކިއްޔާތަށް ބޮޑު ތަނެއް ނޫން ކަމަށް އެ ސެންޓަރުން ބުންޏެވެ.
"އަޅުނގަޑުމެން ކޮންމެހެން މިލްކިއްޔާތަކަށް ތަނެއް ބޭނުންވަނީ އެއް ނޫން. އަޅުނގަޑުމެން ބޭނުންވަނީ ކެއާ ސޮސައިޓީ ދިގު މުއްދަތަކަށް. މިސާލަކަށް ރިސޯޓްތައް ވެސް އެދެއްވަނީ ނޫންތޯ 50 އަހަރަށް. ކީއްވެގެންތޯ މިކަހަލަ ތަނަކަށް ނުދެއްވާންވީ. ރާއްޖޭގަ އަދިނެތް ހާއްސަ އެހީއަށް ބެނުންވާ ކުދިންނަކަށް ސްކޫލެއް. އެހެންކަމުން އެފަދަ ސްކޫލެއް ހުރުން މުހިންމު. ނޯމަލް ސްކޫލްތަކަކަށް ނުދެވޭނެ ހުރިހާ ކުދިންނަކަށް. އައުޓްސޯސްކޮށްގެން ވެސް ކުރެވޭނެ،" އާފިއާ ވިދާޅުވި އެވެ.
ކެއާ ސޮސައިޓީން ބުނީ، އެ މައްސަލާގައި ރައީސް އޮފީހާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ހައުސިން މިނިސްޓްރީއާ ވެސް މަޝްވަރާ ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މިނިސްޓްރީތަކުން ޖަވާބެއް ލިބިފައިނުވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.
އެއްވެސް ބާވަތެއްގެ ތަފާތު ކުރުމެއްނެތި، ތައުލީމީ ނިޒާމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތައުލީމާއި ތަރުބިއްޔަތު ދޭން ޖެހޭނެ ކަމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު" ގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސަރުކާރުން ހިންގާ މަދަރުސާތަކާއި އަމިއްލަ މީހުން ހިންގާ މަދަރުސާތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތައުލީމު ހާސިލްކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމްކުރަންވާނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
މިދަންނަވާލީ ހާއްސަ އެހީއަށް ބޭނުންވާ އެންމެ ސެންޓަރެއްގެ ވާހަކައެވެ. މުޖުތަމައުގައި ހާއްސަ ސަމާލު ކަމެއް ދޭންޖެހޭ މައުސޫމު ކުދިންނަށް މި މުޖުތަމައުގައި އަޅާލައި އެސޯސިއޭޝަންތަކާއި ގްރޫޕްތައް އެބަ އުޅެ އެވެ. އެ އެސޯސިއޭޝަންތައް ވެސް ހިންގަނީ ދަތިހާލުގަ އެވެ. އެތައް ގޮންޖެހުންތަކަކާއެކުގަ އެވެ. އަބަދުވެސް ހެޔޮ އެދޭ ފަރާތްތަކުން ވެދެއްވާ އެހީތެރި ކަމަށް ޝުކުރުއަދާކުރެ އެވެ. މިކަމަށް ސަރުކާރުން އަހައްމިއްޔަތުކަންދޭއިރު، މިކަމަށް ފުރުސަތުތައް ހޯދައިދޭންޖެހެ އެވެ.