14 Jan 2015, 09:27
ޕެރިސް (ޖަނަވަރީ 14) : ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރައްވާ ކަމަށް ވިދާޅުވެ ފަރަންސޭސި ބޮޑުވަޒީރު ހަރުކަށި ފިޔަވަޅުތަކެއް އިޢްލާން ކުރައްވައިފި އެވެ.
ފަރަންސޭސިވިލާތުގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އެގައުމުގެ ބޮޑުވަޒީރު މަނުއެލް ފާލްސް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ޓަކައި އޭނާގެ ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށާއި މިއީ ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރުން ކަމުގައެވެ. ނަމަވެސް އޭނާގެ ގައުމުން ހަނގުރާމަ އިޢްލާންކުރަނީ ޓެރަރިޒަމާ ދެކޮޅަށް ކަމަށާ އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ނޫންކަމަށް ފާލްސް ވިދާޅުވި އެވެ. މިފިޔަވަޅުތަކުގެ ތެރޭގައި ފަރަންސޭސި ޖަލުތަކުގައި ހައްޔަރުކޮށްފައިތިބޭ ކުށްވެރިންގެ ތެރެއިން ނުރައްކާތެރި ކުށްވެރިން އެކަހެރި ކުރުމާއި އިންޓަނެޓްގައި ދައުރުވަމުންދާ މަޢްލޫމާތުތައް ބަލައި ޗެކްކުރުމާއި ފަރަންސޭސިވިލާތުގެ ބައެއް ރައްޔިތުންނަށާއި ދަތުރުފަތުރު ކުރާމީހުންނަށް ފާރަލުން ހިމެނެ އެވެ.
މީގެ އިތުރުން ޓެރަރިޒަމާ ބެހޭ ގާނޫނުތަކަށް އިސްލާޙުތައް ގެނައުމާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ޓަކައި މަގުތަކުގައި ކުރިޔާ ޚިލާފަށް ސަލާމަތީ ބާރުތައް ޙަރަކާތްތެރިވުމާއި ސަރަހައްދީ ރޮނގުތައް ބެލެހެއްޓުމާއި ޖާސޫސީ ހަރަކާތްތައް ފުޅާކޮށް އެހަރަކާތްތަކުގެ ފެންވަރު ރަނގަނޅުކުރުން ވެސް ޓެރަރިޒަމާ ހަނގުރާމަ ކުރުމަށް ޓަކައި އެޅުމަށް ނިންމި ޚާއްސަ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭކަން ފަރަންސޭސި ބޮޑުވަޒީރު އެގައުމުގެ ކެބިނެޓަށް ހާމަކޮށްދެއްވި އެވެ.
ފާލްސް ވިދާޅުވީ ޓެރަރިޒަމްގެ ޝިކާރައަކަށް ފަރަންސޭސިވިލާތް ވުމުން އަޅަންޖެހޭ ފިޔަވަޅުތައް އޭނާގެ ސަރުކާރުން އަޅާނެކަމަށާ މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް ދަތިތަކެއް ފޯރާނަމަ އެކަމަށް ކެތްތެރިވުމަށް ރައްޔިތުންނާއި ފަރަންސޭސިވިލާތަށް ޒިޔާރަތްކުރާ މެހްމާނުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމުގައެވެ.
ފަރަންސޭސި ސަރުކާރުން މިފިޔަވަޅުތައް އެޅުމަށް ނިންމީ ދާދިފަހުން އެގައުމަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި 17 މީހުން މަރުވުމާ ގުޅިގެންނެވެ. (އަލްޖަޒީރާ)