06 Feb 2011, 10:08
ލަންޑަން : މިސްރުގެ ރައީސް ޙުސްނީ މުބާރަކާއި އޭނާގެ ޢާއިލާގެ މުއްސަނދިކަން 40 ބިލިޔަން އެމެރިކާ ޑޮލަރާއި 70 ބިލިޔަން އެމެރިކާ ޑޮލަރުގެ ދެމެދުގައިވާ ކަމަށް އިނގިރޭސިވިލާތުގައި ނުކުންނަ ގާޑިޔަން ނޫސް ބުނެފިއެވެ.
މެދުއިރުމަތީގެ ތަޖްރިބާކާރުންނާ ޙަވާލާދީ މިނޫސް ބުނިގޮތުގައި މުބާރަކް މިފައިސާ އެއްކުރައްވާފައިވަނީ މިސްރުގައި ކުރެވޭ އިންވެސްޓްމަންޓްތަކުން ނާޖާއިޒުގެ ގޮތުގައި ނަންގަވާ ފައިދާއިންނެވެ. މިފައިސާގެ ބޮޑުބައި މިހާރުވަނީ މިސްރުން ބޭރަށް ގެންގޮސް މީގެތެރެއިން އެއްބައި ސްވިސް ބޭންކާއި އިގިރޭސިވިލާތުގެ ބޭންކްތަކުގައި ނަގުދުގެ ގޮތުގައި ރައްކާކޮށްފައި ކަމަށާ އަނެއްބައި ވަނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ދުބާއި ފަރަންސޭސިވިލާތް، ސްޕޭން، އަދި ޖަރުމަނު ގައި ރިއަލްއެސްޓޭޓްގެ ގޮތުގައެވެ.
ރިޔަލް އެސްޓޭޓްގެ ގޮތުގައިވާ ތަކެތީގެ ތެރޭގައި ލަގްޒަރީ ހޮޓާތަކާއި ކުންފުނިތަކުގެ ޙިއްސާތަކާއި ގެދޮރާއި އެޕާޓްމަންޓްތަކާއި ފެކްޓްރީތައްފަދަ ހަރުމުދާ ހިމެނެއެވެ. މެދުއިރުމަތީގެ ތަޖްރިބާކާރެއް ކަމުގައިވާ ކްރިސްޓޮފަރ ޑޭވިޑްސަން ވިދާޅުވިގޮތުގައި މުބާރަކާއި އޭނާގެ އަނބިކަނބަލުންނާ އަދި ދެދަރިކަލުން މުދާތައް އެއްކުރައްވާފައިވަނީ ބޭރުގެ އިންވެސްޓަރުންނާއި ބޭރުގެ ކުންފުނިތަކާއެކު ވިޔަފާރީގައި ބައިވެރިވެގެންނާއި އެފަރާތްތަކުން ހޯދާ ނާޖާއިޒު ފައިދާތަކުންނެވެ. މިގޮތުން މިސްރުގައި އިންވެސްޓް ކޮށްފައިވާ ބޭރުގެ ފަރާތްތަކަށް އަހަރުލިބޭ ފައިދާގެ ތެރެއިން 50% މުބާރަކްގެ ޢާއިލާއަށް ނާޖާއިޒުގޮތެއްގައި ދިނުމަށް އެފަރާތްތަކަށް މަޖްބޫރުކޮށްފައިވާ ކަމަށް ގާޑިޔަން ނޫސް ބުނެއެވެ.
މީގެއިތުރުން ބޭރުޤައުމުތަކުން މިސްރު ގަންނަ ހަތިޔާރުގެ ޝިޕްމަންޓްތަކުންވެސް މުބާރަކާއި އޭނާގެ ޢާއިލާ ނާޖާއިޒުގޮތެއްގައި ބޮޑެތި ފައިދާތަކެއް ނަންގަވަމުން ގެންދަވާ ކަމަށް މިނޫސް ބުނެއެވެ. މުބާރަކްގެ ޢާއިލާއިން ގަނެފައިވާ ހަރުމުދާތަކުގެ ތެރޭގައި ޕާސަނަލް ޖެޓްމަތިންދާބޯޓުގެ ދެބޯޓާއި 60 މިލިޔަން ޔޫރޯގެ ލަގްޒަރީ ޔޮޓެއް ހިމެނެއެވެ.
(ގާޑިޔަން)