14 Jan 2015, 01:17
ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގެ ދުވަސްވަރުގައި، އެގައުމުގެ ރައީސް އޮފީހަށް ނިސްބަތްވާ ގިނަ އަދަދެއްގެ އުޅަނދުތައް ގެއްލިފައިވާތީ އެތަކެތި ހޯދުމަށް ޚާއްސަ ތަހުގީގުތަކެއް ހިންގުމަށް، އާ ރައީސް މައިތުރިޕާލަ ސިރިސޭނާ ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓް (ސީއައިޑީ)ގެ މައްޗަށް އަމުރުކޮށްފި އެވެ.
ރައީސް ސިރިސޭނާގެ މީޑިއާ ޔުނިޓާ ހަވާލާދީ ލަންކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އެފަދަ ތަހުގީގެއް ހިންގުމަށް ސީއައިޑީގެ މައްޗަށް އަމުރު ނެރުއްވާފައި ވަނީ، ރާޖަޕަކްސަގެ ވެރިކަމުގެ ދުވަސްވަރުގައި، ރައީސް އޮފީހުގެ ބައެއް އުޅަނދުތައް ކަމާ ނުގުޅޭ ފަރާތްތަކާ ހަވާލުކޮށް، އަދި ލަންކާގެ އެކި ސަރަހައްދުތަކުގައި ގައިރުގާނޫނީ ހަރަކާތްތައް ހިންގުމަށް އެފަދަ އުޅަނދުތައް ބޭނުންކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގެ ބޭނުމަށް ހޯދާފައިވާ ބައެއް އުޅަނދުތައް، އޭރުގެ ސަރުކާރާ ގުޅުން ހުރި ފަރާތްތަކުން ގެންދިއުމަށް ފަހު އެތަކެތި އަނބުރާ ގެނެސްފައި ނުވާ އިރު، އޭގެ ތެރެއިން ބައެއް އުޅަނދުތައް ރޫޅާލައި، ސްޕެއާޕާޓްސްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު އާ ސަރުކާރަށް ލިބިފައިވާ ކަމަށް ވެސް ލަންކާގެ ނޫސްތަކުން ބުނެ އެވެ.
ރައީސް މައިތުރިޕާލަ ސިރިސޭނާ ވަނީ، ރައީސް އޮފީހުން އެކި ފަރާތްތަކުގެ ބޭނުންތަކަށް ގެންގޮސް އަނބުރާ ރައްދުކޮށްފައި ނުވާ އެފަދަ ހުރިހާ އުޅަނދެއް ވަގުތުން އަނބުރާ ގެނައުމަށް އަމުރުކުރައްވައިފަ އެވެ.