ލަގްޒަރީ ފެންވަރުގެ ފެރީގެ ހިދުމަތް ރައްޔިތުންނަށް ތައާރަފުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީގެ މިއަހަރަށް ރޭވިފައި ހުރި ކަންތައްތަކާ ބެހޭގޮތުން 'ސަން ޓީވީ'ގެ ފަންސާސް މިނިޓް ޕްރޮގްރާމްގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައްޒާގު ވިދާޅުވީ، ފެރީގެ ހިދުމަތް ރަނގަޅުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ތަކެއް ކުރައްވާފައި ވާ ކަމަށާއި، އަދި މިހާރުވެސް ކުރައްވަމުން ދާ ކަމަށެވެ.

ރައްޒާގު ވިދާޅުވީ، ލަގްޒަރީ ފެންވަރުގެ ފެރީގެ ހިދުމަތް ގާއިމް ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީއާ) އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މި ތިންކުންފުނި ގުޅިގެން ފެރީގެ ހިދުމަތަށް ހާއްސަ ވަކި ކުންފުންޏެއް ހެދުމަށް މިހާރު ނިންމާފައި ވާކަމަށްވެސް ރައްޒާގު ވިދާޅުވި އެވެ.

"ކުންފުނި އުފެއްދުމުގެ 65 އިންސައްތަ މިހާރު މިވަނީ ނިމިފައި. މިމަހުގެ ތެރޭގައި ޝެއާ ހޯލްޑަސް އެގްރިމެންޓްގައި ސޮއިކޮށްފަ. ކައިރި މުސްތަގުބަލެއްގައި ކުންފުނި އުފެދިގެން ދާނެ،" އެމްޓީސީސީގެ ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމެންވާއިރަށް ހުޅުމާލެއާ މާލެއާ ދެމެދު ދަތުރުކުރާ ފެރީގެ ހިދުމަތް ރަގަޅުވެ، ރަގަޅުފެންވަރުގެ ފެރީތަށް ތައާރަފު ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން އަލަށް ތައާރަފްކުރެވޭ ފެރީތަކާ އެކު "އޮޕްޝަންސް" ތަކެއް ހުއްނާނެ ކަމަށްވެސް ރައްޒާގު ވިދާޅުވި އެވެ.

"އަގުހެޔޮކޮށް ދާން ބޭނުންވާ ބޭފުޅުންނަށް އެފުރުސަތު ލިބޭނެ. ހަމަ އެއާ އެކު ލަގްޒަރީކޮށް ދާން ބޭނުންފުޅުވާ ބޭފުޅުންނަށް އެކަހަލަ އިންތިޒާމެއްވެސް ހަމަޖެހިގެން ދާނެ،" ރައްޒާގު ވިދާޅުވި އެވެ.

އެމްޓީސީސީން ފެރީގެ ހިދުމަތް ދެމުން ގެންދަނީ މަހެއްގެ މައްޗަށް 4.5 މިލިއަން ރުފިޔާ ގެއްލުމުގައި ކަން ފާހަގަކުރައްވައި ރައްޒާގު ވިދާޅުވީ، ފެރީގެ ހިދުމަތަކީ އެމްޓީސީސީން ރައްޔިތުންނަށް ޓަކައި ކޮށްދެއްވަމުން ގެންދަވާ ހިދުމަތެއް ކަމަށެވެ. އަދި ފެރީގެ ހިދުމަތަކީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއް ކަމަށްވުމުން މެދުކެނޑުމެއްނެތި ގެއްލުމުގައިވެސް ހިދުމަތް ދެމުން ދަނީކަމުގައި ރައްޒާގު ވިދާޅުވި އެވެ.

އެމްޓީސީސީން ވަނީ ވޭތުވެދިޔަ އަހަރު ފެރީ ޓާމިނަލްގެ ވެންޓިލޭޝަންގެ ކަންކަން ރަގަޅުކޮށް ހޫނު މަޑުވާނެ ގޮތް ހަދާފައެވެ. އަދި ސައިކަލުގައި ހުޅުމާލެއަށް ދާ ބޭފުޅުންނަށް ވަކި ސައިކަލު ކައުންޓަރެއް ގާއިމް ކޮށްފަ އެވެ.