13 Jan 2015, 23:39
ޒިއުރިކް (ޖެނުއަރީ 13) - ނިމިގެންދިޔަ 2014 ވަނަ އަހަރު، ދުނިޔޭގެ އެކި ގައުމުތަކުން އެއް ކްލަބުން އަނެއް ކްލަބަށް ކުޅުންތެރީން ބަދަލުކުރުމަށް 4.1 ބިލިއަން އެމެރިކާ ޑޮލަރުގެ ހޭދައެއް ކޮށްފައިވާ ކަމަށް ފީފާގެ އޮންލައިން ޓްރާންސްފާ މެޗިން ސިސްޓަމް (ޓީއެމްއެސް)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. އެގޮތުން އެންމެ ކުޅުންތެރީން ގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ އިނގިރޭސި ކްލަބުތަކުން ކަމަށް ވެއެވެ.
ޓްރާންސްފަރ މެޗިން ސިސްޓަމްގެ ޑައިރެކްޓަރު މާކް ގޯޑާޑް ވިދާޅުވީ، ވޭތުވެ ދިޔަ އަހަރު އިނގިރޭސި ކްލަބުތަކަށް ބޭރުން ކުޅުންތެރީން ޓްރާންސްފާ ކުރުމަށް 1.2 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ.
ދުނިޔޭގެ އެއް ގައުމުން އަނެއް ގައުމަށް ކުޅުންތެރީން ޓްރާންސްފަރ ކުރުމުގައި ހަރަކާތްތެރިވެފައިވާ ކުޅުންތެރީންގެ އޭޖެންޓުންނާއި އެފަދަ އެހެނިހެން 'ރެޕްރެޒެންޓޭޓިވްސް'އަށް ވެސް ކޮމިޝަންގެ ގޮތުގައި 236 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ގޮޑާޑް ވިދާޅުވި އެވެ.
ފީފާގެ ޓްރާންސްފަރ ސިސްޓަމުން 'ކްރޮސް-ބޯޑަރ' ޓްރާންސްފަރތައް އެޕްރޫވް ކުރަނީ، އެ ޓްރާންސްފަރ އެއްގައި ބައިވެރިވާ ދެ ކްލަބުން ވެސް އެ ޓްރާންސްފަރއާ ގުޅޭ ފައިސާގެ ހުރިހާ ތަފްސީލެއް ސިސްޓަމަށް އެޅުމުންނެވެ.
ގޮޑާޑް ވިދާޅުވިގޮތުގައި ހުސްވި އަހަރު، ގައުމުން ބޭރުން ކްލަބްތަކަށް ކުޅުންތެރީން ގެނައުމުގައއި ފުރާވަރުގެ ކުޅުންތެރީންގެ ޓްރާންސްފަރއަށް އެދި 1793 ރިކުއެސްޓް ފީފާއަށް ފޮނުވާފައިވެއެވެ.
ޅައުމުރުފުރައިގެ ކުޅުންތެރީން ޓީމުތަކަށް ބަދަލުރުކުމުގައި ފީފާއިން ހާއްސަ ސަމާލުކަމެއް ދޭންފެށި، ސްޕެއިންގެ ކްލަބް، ބާސެލޯނާއިން އެ ގަވާއިދާ ހިލާފަށް ކުޅުންތެރީން ޓްރާންސްފަރ ކޮށްފައިވާ ކަމަށް ސާބިތުވެ އެ ކްލަބަށް އެއް އަހަރުގެ މުއްދަތަކަށް އެއްވެސް އެފަދަ އެއްވެސް ޓްރާންސްފަރއެއްގައި ބައިވެރި ނުވެވޭގޮތަށް ހެދި ހިސާބުންނެވެ.
ބާސެލޯނާއާ ދޭތެރޭގައި ފީފާއިން އަޅާފައިވާ ފިޔަވަޅުގެ ސަބަބުން އެ ކްލަބްގެ ޓްރާންސްފަރއެއް 2014 ވަނަ އަހަރު ފީފާގެ ސިސްޓަމްގައި ނުހިމެނޭކަމަށް ގޮޑާޑް ވިދާޅުވި އެވެ. (އޭޕީ)