އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީގެ މެމްބަރު ކަމުން ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް އެ ޕާޓީގެ އިސްތިއުނާފު މަޖިލީހުން ނިންމައިފި އެވެ.

އެމްޑީޕީގެ އިސްތުނާފު މަޖިލީހުން އެގޮތަށް ނިންމާފައި ވަނީ އިސްތިއުނާފު ކޮމިޓީގެ ފަސް މެންބަރުންގެ އިއްތިފާގުންނެވެ. އެމްޑީޕީން މިރޭ އާންމުކޮށްފައިވާ މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރުމަށް ވޯޓުގައި ބައިވެރިވެ ދެކޮޅަށް ވޯޓުދިނުމަށް އެމްޑީޕީގެ ޕާލިމްނެޓްރީ ގުރޫޕަށް އަންގާފައިވަނިކޮށް، ވިޕްލައިނާ ޚިލާފުވެ ވޯޓުގައި މޫސަ ބައިވެރިވެފައި ނުވާކަން ސާބިތު ވާކަމަށެވެ. އެހެންކަމުން މޫސައާ މެދު އެޅި ފިޔަވާލުތަށް ބާތިލުކުރާނެ ޖާގައެއް ނެތްކަމަށް އެމްޑީޕީގެ އިސްތުނާފު މަޖިލީހުން ނިންމި ނިންމުމުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހު މަޖިލީހުގައި ވޯޓު ނެގި އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނެވުނު އިސްލާހުގެ ވޯޓުުގައި ބައިވެރިވެ، އެމްޑީޕީގެ ވިޕްލައިނާ ޚިލާފަށް މޫސަ ވޯޓު ދެއްވާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި އެހެން މެންބަރުނަށް ވުރެ އިތުރަށް ކުއް ތަކުރާރުކުރުމުން އަދަބު ބޮޑު ވުމުގެ ހަމައާއި އުސޫލު ގެންގުޅުމަކީ ތަފާތުކުރުންކަމުގައި ބެލެވޭނެ ޖާގައެއް ނެތް ކަމަށް އިސްތިއުނާފު މަޖިލީހުން ވަނީ ނިންމާފަ އެވެ.

މޫސަ ޕާޓީން ވަކި ކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވަމުން މޫސަ ވިދާޅުވެފައި ވަނީ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ޖަލްސާގައި ވިޕްލައިނާ ޚިލާފު އެހެން މެންބަރުންނާ މެދު އެޅުއްވި ފިޔަވަޅާ އެއް އުސޫލަކުން އެމަނިކުފާނާ މެދު ފިޔަވަޅު އެޅުއްވުމަށެވެ.

އެމްޑީޕީގެ ވިޕްލައިނާ ތަކުރާރުކޮށް ޚިލާފުވި ކަމަށް ބުނެ، ރީކޯ މޫސާ މަނިކު އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އިން ނިންމާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ.

އެމްޑީޕީން ބުނިގޮތުގައި ޕާޓީން ވަކިކޮށްފައިވާ މޫސަ އަލުން ޕާޓީއާ ގުޅެން ބޭނުންވެއްޖެ ނަމަ އެކަން ކުރެވޭނީ އޭނާއާ އެކު އިތުރު 50 މެމްބަރުންގެ ސޮއިހިމެނޭ މެމްބާޝިޕް ފޯމް ހުށަހެޅުމުންނެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށާއި ޕާޓީއަށް އަލުން ގުޅިވަޑައިގަންނަވާ ތާރީޚުން ފެށިގެން ފަސް އަހަރު މުއްދަތުގެ ތެރޭގައި ޕާޓީގެ އެއްވެސް މަގާމަކަށް ވާދަ ނުކުރެވޭނެ ކަމަށް ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވެ އެވެ.