13 Jan 2015, 22:31
ގާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓުމަށް ގާސިމް އިބްރާހީމަށްވުރެ އިހުލާސްތެރި ދެވަނަ ލީޑަރެއް ނުހުއްނާނެ ކަމަށް ޖުމްހޫރީޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމީން މިއަދު ކުރެއްވި ޓްވީޓެއްގައި، ގާނޫނު އަސާސީ ނަގަހައްޓައި ދެމެހެއްޓުމުގައި، ގަނޫނު އަސާސީ އިސްލާޙުކުރި މަޖިލީހުގެ ލީޑަރަށްވުރެ އިހުލާސްތެރި ލީޑަރެއް ފެންނަށް ނެތްކަމަށް ވަނީ ވިދާޅުވެފައެވެ.
އަމީން މިމޭރުމުން ޓްވީޓް ކުރައްވާފައިވާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނީ، ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް ޖުމްހޫރީޕާޓީއާ އެކު މަޝްވަރާކުރަމުން ދާ ކަމަށެވެ. އަދި ގާނޫނު އަސާސީ ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ފިކުރު އެއްގޮތް ވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް އެ ޕާޓީން ތެދުނުވާންވީ ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ، އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ދިވެހި ހުރިހާ ރައްޔިތުން ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީއާ އެކު ތެދުވުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
"ގާނޫނު އަސާސީ އަކީ ވަރަށް ގިނަ ބައެއްގެ އުންމީދު. އެހެން ދިވެހި ރާއްޖެއެއް ހޯދުމަށް ދިވެހިން ކުރި އުންމީދު. ހާސްކަމެއް ނެތި ދިރިއުޅުމުގެ އުންމީދުގައި ދިވެހިން ލިބިގަތް ގާނޫނު އަސާސީ. އަޅުގަނޑު މިއަދު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމިއްޔާތަކާއި އެންމެ ރައްޔިތުންގެ ކިބައިން މި އެދެނީ ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް. ދިވެހިން އަނެއްކާ ވެސް ތެދުވުމަށް،" ނަޝީދު ވިދާޅުވި އެވެ.