13 Jan 2015, 22:24
މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަންގެ ގައުމީ ވޮލީބޯޅަ ލީގުގައި އިއްޔެގެ މެޗުތައް ކާމިޔާބުކޮށް، ގްރޫޕް 'ބީ' އިން ކްލަބް ވެލެންސިއާ އާއި ކްލަބް ޕީކޭ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރު ކޮށްފި އެވެ.
އެ ދެ ޓީމް ލީގުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރު ކޮށްފައި ވަނީ ލީގުގައި މިހާތަނަށް އެ ދެ ޓީމް ކުޅުނު ދެ މެޗުވެސް ކާމިޔާބު ކޮށްގެނެވެ.
ލީގުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއްވެސް ތިން މެޗު ކުޅެން ހަމަޖެހިފައި ވާއިރު، ގްރޫޕް 'ބީ' ގައި ހިމެނޭ އަނެއް ދެ ޓީމް ކަމަށްވާ އައިލެންޑް ޑިވަލޮޕްމަންޓް އެންޑް އެންވައިރަމަންޓް އެވެއާނެސް ސޮސައިޓީ (އައިޑީއީ) އާއި ޔޫތު ނިއު ޖެނެރޭޝަން (ވައިއެންޖީ) މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވުމުން، އެ ދެ ޓީމަށް ލީގުގެ ސެމީގެ ޖާގަ މިހާރު ވަނީ ގެއްލިފައެވެ.
ގައުމީ ވޮލީ ލީގުގެ ސެމީގެ ޖާގަ ކްލަބް ޕީކޭއިން ކަށަވަރު ކުރީ އިއްޔެ ހަވީރު އެ ޓީމް އައިޑީއީ އާ ދެކޮޅަށް ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެނެވެ. އެ މެޗުގެ ފުރަތަމަ ސެޓު ޕީކޭ ފަސޭހަ ކަމާއެކު 14-25 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު، މެޗުގެ ދެވަނަ ސެޓު އެ ޓީމަށް ކާމިޔާބު ކުރެވުނީ 22-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް، އެ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 19-25 ގެ ނަތީޖާއަކުން ނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ޕީކޭގެ އިބްރާހިމް ފަލާހު އެވެ.
ކްލަބް ވެލެންސިއާ ލީގުގެ ސެމީން ޖާގަ ކަށަވަރު ކުރީ ރޭ ޔޫތު ނިއު ޖެނަރޭޝަންއާ ވާދަކޮށް، އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެނެވެ. އެ މެޗުގެ ސެޓުތައް ކްލަބް ވެލެންސިއާ ކާމިޔާބު ކުރީ 18-25، 18-25 އަދި 29-31 ގެ ނަތީޖާއަކުން ނެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ވެލެންސިއާގެ ސަމީރާ ޕަރަގީތު އެވެ.
ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މިމަހުގެ 10 ވަނަ ދުވަހު ފެށި ދެވަނަ ޑިވިޝަންގެ ގައުމީ ވޮލީ ލީގުގެ ސެމީ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ހަވީރާއި ރޭގަނޑު އެވެ. އަދި އެ ލީގުގެ ފައިނަލް މެޗާއި ތިންވަނަ ހޮވާ މެޗު ކުޅެން ހަމަޖެހިފައި ވަނީ 16 ވާ ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑު އެވެ.
ގައުމީ ވޮލީ ލީގުގެ ހުރިހާ މެޗެއްގެ ކުޅުންވެސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައެވެ.