13 Jan 2015, 22:15
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ގެންދެވޭ ތަކެތި ނައްތާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު އިސްލާހުކޮށް އެ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.
ބަނގުރާ ނައްތާލުމަށް ފުލުހުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދަށް ގެނެވުނު އިސްލާހުގައި ބުނެފައި ވަނީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ 'ށ' އަދި 'ނ' އުނިކޮށް އެ ގާނޫނުގެ 'ރ' ގައިވާ މާއްދާ 'ށ' އަށް ބަދަލު ކުރުމަށެވެ. އެ ގާނޫނުގެ 'ށ' ގައި ބުނެފައި ވަނީ ނައްތާލެވުނު ބަނގުރަލުގެ ވޮލިއުމް (ލީޓަރުގެ) މައުލޫމާތު ހާމަކުރަން ވާނެ ކަމަށެވެ. އަނި 'ނ' ގައި ބުނެފައި ވަނީ ނައްތާލެވުނު ބަނގުރަލުގެ ބަރުދަން ހާމަކުރަން ޖެހޭނެ ކަމަށެވެ.
އެގާނޫނުގެ 'ށ' އަދި 'ނ' އުނިކޮށް 'ރ' އަށް ވަނީ ބަދަލު ގެނެސްފައެވެ. ބަނގުރާ ނައްތާލުމަށް ފުލުހުން އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ 'ރ' އަށް ގެނައި އިސްލާޙުގައި ބުނެފައި ވަނީ ނައްތާލެވޭ ބަނގުރަލުގެ ތަފްސީލު ބަރުދަނާ ވޮލިއުމްއާ އެކު ހާމަ ކުރުމަށެވެ. އެހެން ކަމުން ތަފްސީލު ހާމަ ކުރުމާއި، ބަރުދަނާއި ވޮލިއުމް ހާމަކުރުމަށް 13 ވަނަ މާއްދާގެ 'އެއް އަކުރަކުން' ވަނީ ބުނެދީފައެވެ.
ގަވާއިދުގެ 13 ވަނަ މާއްދާގައި ބުނެފައި ވަަނީ ނައްތާލެވޭ ބަނގުރަލާއި އެތަކެތި ނައްތާލެވޭ ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ތަކެއްޗާ ބެހޭ މައުލޫމާތު، މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެބްސައިޓުގައި ހާމަކުރަން ޖެހޭނެ ކަމަށެވެ.