13 Jan 2015, 22:02
ޗައިނާގެ އުއިޣޫރު ދަރިކޮޅުގެ މުސްލިމުން ދިރިއުޅޭ ޒިންޖިއާން ޕްރޮވިންސްގައި މީހުން މޫނު ބުރުގާ އެޅުން މަނާކޮށްފި އެވެ.
ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީން ހޮނިހިރު ދުވަހު ބުނީ، މޫނުބުރުގާ އެޅުން މަނާކުރާ ގާނޫނެއް ޒިންޖިއާން ޕްރޮވިންސްގެ ސަރަހައްދީ ޕާލަމެންޓުން ފާސްކޮށްފައިވާ ކަމަށެވެ.
ޒިންޖިއާން ސަރަހައްދުގެ ޕާލަމެންޓާ ހަވާލާދީ ޒިންހުއާގެ ހަބަރުގައި ބުނެފައި ވަނީ، އެގާނޫނު ޑްރާފްޓްކުރީ އެސަރަހައްދުގެ ވެރިރަށް އޫރުމްގީގެ މުނިސިޕަލް ލެޖިސްލޭޗާ އިން މިދިޔަ އަހަރު ކަމަށެވެ. އަދި ބުނީ މޫނު ބުރުގާ އެޅުން މަނާކުރާ ގާނޫނެއް ފާސްކުރީ އުޣޫރު ދަރިކޮޅުގެ އަންހެނުން ކުރިން އަޅަމުން އައި ކުލަގަދަ ސަގާފީ ހެދުންތައް ދޫކޮށް، ކަޅު ހެދުން އަޅަން މަޖުބޫރު ކުރާ ހައްދު ފަހަނަ އެޅުމުގެ ވިސްނުން ހުއްޓުވުމަށް ކަމަށެވެ.
ޗައިނާގެ ޒިންޖިއާން ސަރަހައްދުގައި އުއިޣޫރު ދަރިކޮޅުގެ 10 މިލިޔަނަށް ވުރެ ގިނަމީހުން އުޅެއެވެ. ޗައިނާއިން ވަކިވެ، މިނިވަން ވުމަށް 1990ގެ އަހަރުތަކުގައި އެސަރަހައްދުގެ މީހުން މަސައްކަތް ކުރިއެވެ. ނަމަވެސް ޗައިނާ ސަރުކާރުން ބާރުގެ ބޭނުންކޮށްގެން އެހަރަކާތް ވަނީ ނައްތާލައިފައެވެ.