ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޑީޕް ފްރީޒަރ ކޮމްޕްރެސަރަކާއެކު މާލޭ މާރުކޭޓު ސަރަހައްދުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިދިޔަ ހޯމަ ދުވަހުގެ 11:58 ހާއިރު މާރުކޭޓު ސަރަޙައްދުން ކޮމްޕްރެސަރަކާއެކު އެމީހާ އަތުލައިގެންފައިވަނީ އެމީހާގެ އަމަލުތައް ހުރިގޮތުން މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކޮމްޕްރެސަރާއެކު ހައްޔަރުކޮށްފައިވާ މީހާއަކީ މުދަލަށް ގެއްލުންދިނުމާއި ފޭރުމާއި މަސްތުވާތަކެތީގެ އިތުރުން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަކީ 68 ފަހަރެއްގެ މަތިން ހުއްޓުވައި ސުވާލުކޮށް 38 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 17 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. މީގެއިތުރުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވަގަށް ވަގާފައިވާ ތުހުމަތުކުރެވޭ ކޮމްޕްރެސަރާއެކު ހައްޔަރުކޮށްފައިވާ މީހާގެ މައްސަލަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.