އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުން އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާ ޖާގަ ހޯދައިފި އެވެ.

އެ މުބާރާތުގެ ކުއާޓާ ފައިނަލުން އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާ ޖާގަ ހޯދީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ ދެ ޓީމް ކުޅުނު ފުރަތަމަ ދެ މެޗުވެސް ކާމިޔާބު ކޮށްގެނެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއްވެސް ތިން މެޗު ކުޅެން ހަމަޖެހިފައި ވާއިރު، ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބު ކުރުމުން އެ ދެ ޓީމަށް މިހާރު ވަނީ މުބާރާތުގައި މުޅިއެކު ހަ ޕޮއިންޓް ލިބިފައެވެ.

ޕޮއިންޓުގެ ގޮތުން ދެ ޓީމް އެއްވަރު ވެފައި ވި ނަމަވެސް، އެ މުބާރާތުގައި އެ ދެ ޓީމް ހިމެނޭ ގްރޫޕް 'އޭ'ގެ ތާވަލްގެ އެއްވަނަ އަދި މިހާތަނަށް ހޯދާފައި ވަނީ ފައިދާ ހަތް ލަނޑާ އެކު އޮސްޓްރޭލިއާ އެވެ. އަދި ދެވަނައިގައި އޮތް ކޮރެއާއަށް ފައިދާ ލަނޑުގެ ގޮތުގައި ސްކޯ ކުރެވިފައި ވަނީ ދެ ލަނޑެވެ.

އެ މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ދެކުނު ކޮރެއާ އާއި ކުވެއިތު އެވެ. އެ މެޗު ކޮރެއާ ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ކޮރެއާ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 36 ވަނަ މިނެޓުގައި އެ ޓީމްގެ މިޑްފީލޑަރު ނަމް ޓައި ހީ އެވެ. އަދި އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަބްދުލް އަޒީޒް އަލް މިޝާން އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން އޮސްޓްރޭލިއާ ޖާގަ ހޯދީ މިއަދު އެ ޓީމް އޮމާނާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެނެވެ. މެޗުގެ ފުރަތަމަ ލަނޑު އޮސްޓްރޭލިއާއަށް ކާމިޔާބުކޮށްދީ، މެޗުގެ ލީޑް އެ ޓީމަށް ހޯދަދިނީ ފުރަތަމަ ހާފްގެ 27 ވަނަ މިނެޓުގައި އެ ޓީމްގެ މެޓް މެކޭ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި އޮސްޓްރޭލިއާއަށް ލީޑު ފުޅާކޮށްދިނީ ރޮބީ ކްރޫސް އެވެ.

މެޗުގައި އޮސްޓްރޭލިއާގެ ތިންވަނަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުން ނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އެ ޓީމްގެ މާކް މިލިގަން އެވެ. އަދި މެޗުގައި އޮސްޓްރޭލިއާއިން ކާމިޔާބު ކުރި އެންމެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޓީމުގެ ޓޮމީ ޔުރިކް އެވެ.

އޭޝިއަން ކަޕް 2015 ގައި މާދަމާ ކުޅެން ހަމަޖެހިފައި ވަނީ ގްރޫޕް 'ބީ' ގެ ދެ މެޗެވެ. މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ އުތުރު ކޮރެއާ އާއި ސައުދި އަރަބިއްޔާ އެވެ. އަދި މާދަމާ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ޗައިނާ އާއި އުޒްބަކިސްތާނެވެ.