ފްރާންސްގެ ޗާލީ ހެބްޑޫ ނޫހަށް ހަމަލާދީ މިދިޔަ ހަފުތާގައި ބަޔަކު މަރާލި ހާދިސާއާ ގުޅިގެން ހޮނިހިރު ދުވަހު ޕެރިހުގައި އޮތް އެއްބައިވަންތަކުމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތް އިޒުރޭލުގެ ޕްރައި މިނިސްޓަރު ބެންޖަމިން ނަތަންޔާހޫގެ އަމަލުތައް ބެހިއްޓި ގޮތުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔައި މަލާމަތް ރައްދުކޮށްފި އެވެ.

ދަ ޓެލެގްރާފުން މިއަދު ބުނީ ހޮނިހިރު ދުވަހުގެ ހިނގާލުމުގައި ބައިވެރިވުމަށް އަދި ސަފުގެ ކުރިޔަށް ވަޑައިގަތުމަށް، އިޒުރޭލުގެ ޔަހޫދީ ލީޑަރު، މީހުން ގަޅުވައި ކޮއްޕައި އުޅުއްވީ ވަރަށް ހަޑިހުތުރުކޮށް ކަމަށެވެ. އަދި ހިނގާލުން ފައްޓާ ޕޮއިންޓަށް ވަޑައިގަތުމަށް ބަހަަށް ވަޑައިގަތުމަށް ވެސް ފުންމައި ވެރިޔަކު އަމަލުތައް ބަހައްޓަންވާ ވަރަށް ވުރެ ދަށުދަރާޖައި އަދި ފުރަތަމަ ބަހަށް ނޭރެވުމުން ރުޅިގަދަވެ ތުރުތުރު އެޅި ކަމަށެވެ.

އަދި ހިނގާލުމުގައި މީހުންނަށް ވޭވްކޮށް ހެއްދެވި ކަމަށާއި ހިތާމާއިގެ އެ ދަނޑިވަޅުގައި ސަމްބާ މޫޑުގެ ހަރަކާތްތައް ގެންގުޅުއްވުމަކީ މުނާސަބަތާ ނުގުޅޭ ކަންކަން ވެސް ނަތަންޔާހޫ އަށް ނޭނގުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުންޏެވެ. އަދި ރިޕޯޓްތައް ބުނަނީ ނަތަންޔާހޫގެ އަމަލުތަކުގެ ސަބަބުން ފްރާންސުގެ ރައީސް ފްރާންސިސްކޯ ހޮލޭންޑޭ ދުރަށްވަޑައިގަތުމަށް މަސައްކަތް ކުރެެއްވި ކަމަށާއި ނަމަވެސް އެ ފުރުސަތު ނުދިނުމަށް ވެސް ނަތަންޔާހޫ މަސައްކަތް ކުރި ކަމަށެވެ. ހޮލޭންޑޭ އެ ގޮތަށް ބޭނުންފުޅުވީ ހިތާމައިގެ އެ ފަނޑިވަޅުގައި ނަތަންޔާހޫގެ ސަބަބުން މުޅި އިވެންޓަށް ހިޔަނި އެޅުމަށް ބޭނުން ނުވާތީ އެވެ.

ނަތަންޔާހޫ އަށް އެކަމަށް ހަޖަމު ނުކުރެވުނީ އިޒުރާްއީލުގެ އިތުރު ދެ ޕޮލިޓީޝަނަކު އެ ހިނގާލުމުގައި ބައިވެރިވާތީ، އޭނާ އަށް ނުލިބޭ ފުރުސަތެއް އޭނާގެ ސިޔާސީ ވާދަވެރިންނަށް ލިބެން ބޭނުން ނުވާތީ އެވެ. އަދި ފަލަސްތީނުގެ ރައީސް މަހަމޫދު އައްބާސް އަށް ފުރަތަމަ ސަފުން ޖާގަ ދިނުމަށް، ފްރާންސުގެ އޮފިޝަލުންނަށް މަޖުބޫރުވީ އެކަން ބެލެންސް ކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ހުރިހާ ކަަމަކަށް ވުރެ ބޮޑަށް އޭނާ އަށް ފާޑުކިޔުންތައް އަމާޒުވީ، ޗާލީ ހެބްޑޫ ހާދިސާ އަށް ފަހު، ފްރާންސުގައި ދިރިއުޅޭ ޔަހޫދީންގެ ސަލާމަތާއި ރައްކާތެރި ކަމަށް ޓަކައި އިޒުރާއީލަށް ހިޖުރަކުރުމަށް ނަތަންޔާހޫ ގޮވައިލެއްވުމުންނެވެ. މުޅި ޔޫރަޕްގައި ވެސް އެންމެ ގިނަ އަދަދަކަށް ޔަހޫދީން އުޅެނީ ފްރާންސްގަ އެވެ.

ނަތަންޔާހޫ ފްރާންސަށް ފުރާވަޑައިގަތުމުގެ ކުރިން ވެސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފްރާންސްުގައި ދިރިއުޅޭ ހުރިހާ ޔަހޫދީންނަށް އިޒުރާއީލުން ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ.

ފަރާންސު ރައީސް ހިތްޕުޅާ ނުވީ އެހެންވެގެންނެވެ. އަދި އާދިއްތަ ދުވަހުގެ ރޭ އޮތް ބައްދަލުވުމުގައި ނަތަންޔާހޫ ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރީން ހޮލޭންޑޭ ވަޑައިގަތީ ވެސް އެހެންވެގެންނެވެ.

ނަތަންޔާހޫގެ އަމަލާ މެދު އިޒުރާއީލުގެ ސިޔާސީ މީހުންގެ އިތުރަށް ޔޫރަޕް ގައުމުތަކުގެ ޔަހޫދީ ލީޑަރުންގެ ފާޑުކިޔުންތައް ވެސް ވަނީ ރައްދުވެފަ އެވެ. އަދި އޭގެ އިތުރުން މީޑިއާ އިން ވެސް އޭނާ އަށް މަލާމަތްކޮށް، އަންނަނީ ފާޑުކިޔަމުންނެވެ. ބައެއް މީޑިއާތަކުން ބުނީ އިޒުރާއީލަކީ މާ ރައްކާތެރި ތަނެއް ކަމަށް ބުނެ އެ ގައުމަށް ޔަހޫދީން އައުމަށް ބޮޑުުވަޒީރު ދައުވަތުދޭ އިރު، ހިޒުބުއްލާގެ ރޮކެޓް ހަމަލާތައް ކެނޑިނޭޅި އިޒުރާއީލަށް އޮއްސަމުންދާ އިރު އެކަމަށް ނަތަންޔާހޫ އަށް ހައްލު ނުހޯދޭ މައްސަލާގައި ނަތަންޔާހޫ ލަދުގަންނަން ޖެހޭނެ ކަމަށެވެ.