ރާއްޖޭން ބޭރަށް އެމަނިކުފާނު ކުރައްވާ ހުރިހާ ދަތުރުފުޅުތަކަށްވެސް ހަރަދުކުރައްވަނީ ބޭރުގެ ޖަމާއަތްތަކުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ވޭތުވެ ދިޔަ އެއް އަހަރުދުވަހުގެ ތެރޭގައި، ސަރުކާރުގެ ހަރަދުގައި ރައީސް ނަޝީދު 14 ދަތުރެއް ކުރައްވާފައިވާކަމަށް ހާމަވާ ތަފާސް ހިސާބުތަކެއް އާންވުމާ ގުޅިގެން 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ހަރަދުކުރައްވައިގެން ދަތުރު ކުރައްވައޭ އެބުނާ ބަހުގެ މާނައެއް ނޭނގޭ ކަމަށެވެ. އަދި އެމަނިކުފާނު މުޅިންވެސް ދަތުރު ކުރައްވަނީ ބޭރުގެ ފަރާތްތަކުން ކުރައްވާ ހަރަދުގައި ކަމަށް ވިދާޅުވި އެވެ.

"ހަމަ ގައިމުވެސް އަޅުގަނޑުގެ ހުރިހާ ދަތުރަކީވެސް ބޭރުގެ ޖަމާއަތްތަކުން. މިސާލަކަށް ޒައިތު ފައުންޑޭޝަނުން ނުވަތަ ބުލޫ އޯޝަން ފައުންޑޭޝަނުން، އެކިއެކި ފައުންޑޭޝަންތަކުން އަޅުގަނޑަށް ދައުވަތު މި ލިބެނީ އެކިއެކި ރަސްމިއްޔާތު ތަކުގައި ވާހަކަދެއްކުމަށް. ދެން އެކަމަށްޓަކައި އެބޭފުޅުން ހަރަދުވެސް ކުރައްވަނީ. ދަތރުގެ ހަރަދުވެސް، ހުރުމުގެ ހަރަދުވެސް،" ނަޝީދު ވިދާޅުވި އެވެ.

ވެރިކަމުގައި ހުންނަވައި އިސްތިއުފާ ދެއްވުމަށްފަހު ވަޑައިގަންނަވާ ބޭފުޅުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ވިސްނާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، އެހެން ވިދާޅުވާ ވާހަކަފުޅުތަކާ މާބޮޑަށް ކަންބޮޑު ނުވާ ކަމަށެވެ. އަދި ހުރަހެއް ނެތި ހުރިހާ ބޭފުޅުންނަށް ވެސް އިންތިހާބު ތަކުގައި ބައިވެރި ވެވެން ޖެހޭނެކަމަށާއި، ޑިމޮކްރެސީގެ އުސޫލުން ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާނީ ކޮން ސަރުކާރެއްތޯ ނިންމާނީ ރައްޔިތުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ކުރީގެ ރައީސް ނަޝީދަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ހުރިހާ ގައުމެއްގައިވެސް ފެންނަމުން މިދަނީ ތަގުދީރު ކުރަހާ ޕްލޭނަށް ކަންކަން ވަމުން ދާތަން ކަމަށާއި، ފަހުވަގުތު ހުރިހާ ކަމެއް ބަދަލުވެގެންދާ ކަމަށެވެ.

"ކިތަންމެ ބާރެއް އެއްވެފައި އޮތަސް، އަޅުގަނޑުމެނަށް ފެނިގެން މިދަނީ އެފަދަ ރޭވުންތަށް ކާމިޔާބު ވެގެން ނުދާތަން،" ނަޝީދު ވިދާޅުވި އެވެ.