ދ. އަންސާނާ ވެލަވަރު ރިސޯޓު ކައިރިއަށް މޫދަށް އެރި އުޅުނު ކޮރެއާގެ 36 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'މިއަދު ސަން' އަށް ވިދާޅުވީ، މިއަދު 2:30 އެހާކަންހާއިރު ފަތުރުވެރިއަކު މޫދަށް އެރި އުޅެނިކޮށް މަރުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ފަތުރުވެރިޔާ މަރުވުމުން ގެންގޮސްފައި ވަނީ ދ. މީދޫ ސިއްހީ މަރުކަށެވެ.

މީދޫ ސިއްހީ މަރުކަޒުން އޭނާ ބެއްލެވި ޑޮކްޓަރާ ހަވާލާދީ، ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ނަރުހެއް ބުނީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށާއި އޭނާ މަރުވެފައި ވަނީ ގެނބިގެން ލޮނުބޮވުމުގެ ސަބަބުން ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

ގެނބިގެން މަރުވި އެ ފިރިހެން ފަތުރުވެރިޔާގެ އަނބިމީހާގެ އިތުރުން، އަންސާނާ ރިސޯޓުގެ މުވައްޒަފުން ސިއްހީ މަރުކަޒުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ މަރުކަޒުން ވަނީ ބުނެފަ އެވެ.