ލޮރެންޒޯ ޕާކުގައި 2012 ވަނަ އަހަރު މަރާލި ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް ބެއްލި ޑޮކްޓަރު ޝަރީއަތަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފިއެވެ.

އަރުހަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާ އާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު ޝަރީފް ހާޒިރުކޮށް ސުވާލުކުރުމުން އޭނާ ވިދާޅުވީ އަރުހަމްގެ ހަށިގަނޑުގެ ހަތަރު ތަނަކަށް ތޫނު އެއްޗެއް ހަރާފައިވާ ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ ލިބިފައިވާ ޒަޚަމްތަކަށް ބަލާއިރު، އެ އަނިޔާތަކަކީ މީހަކު މަރުވެދާ ފަދަ އަނިޔާތަކެއް ކަމަށެވެ. އަރުހަމްގެ މެޔަށް ތޫނުއެއްޗަކުން ދީފައިވާ ހަމަލާގެ ސަބަބުން އޭނާގެ ފުއްޕާމެ އަށް ވައި ވަދެގެން ވެސް މަރުވެދާނެ ކަމަށް ޑޮކްޓަރު ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަރުހަމަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔުމުގެ 12 ގަޑިއިރު ކުރިން ކަމަށާއި އެކަން އެނގެނީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ލިބުނު ޒަޚަމްތައް ތާޒާކޮށް ހުރުމުން ކަމަށެވެ.
އަރުހަމަށް ހަމަލާދިނުމުގެ ދެ ދުވަހެއްވަރުކުރިން އޭނާގެ އޭނާގެ ދެ އިނގިއްޔެއް ވެސް ޒަޚަމްވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރުގެ އިތުރުން އެ މައްސަލައިގައި ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި ދެ ފުލުހަކު ވެސް މިއަދުގެ ޝަރީއަތަށް ހާޒިރުކޮށް ޝަރީއަތަށް ބޭނުންވާ މައުލޫމާތު ވަނީ ސާފުކޮށްފައެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި މއ. ސީނަރީވިޔު އާތިފް ރަޝީދު އާއި ލ. މާވަށް އެވާބްލޫ މުހައްމަދު ވިސާމްގެ އިތުރުން ހަމައެރަށު އަސަރީގޭ މަންސޫރު ޔޫސުފްގެ މައްޗަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ އާދީއްތަ ދުވަހު ކަމަށެވެ.

ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެ މީހުންގެ މައްޗަށް ސާބިތުކުރަން ދައުލަތުން ހުށަހެޅި މަންޒަރު މީހުންގެ ހެކިބަސް މީގެކުރިން ވަނީ ނަގާފައެވެ. އެމީހުންގެ ހެކިބަސް ނަގާފައި ވަނީ ކާކުކަން ނޭނގޭގޮތަށް ސިއްރުންނެވެ. އަދި އެ މީހުން ދައުވާއަށް އިންކާރުކޮށް ދިފާއުގައި ހުށަހަޅާފައިވާ ބައެއް ހެކީންގެ ހެކިބަސް ވެސް ވަނީ ނަގާފައެވެ.