13 Jan 2015, 16:15
ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އެމްޑީޕީއާ އެކު ތެދުވުމަށް ޖުމްހުާރީ ޕާޓީ (ޖޭޕީ)އާ އެކު މަޝްވަރާކުރަމުންދާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ އިންތިހާބު މައިތެރުޕާލާ ސިރިސޭނާ ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެގައުމުގެ އާ ސަރުކާރާ ބައްދަލުކުރެއްވުމަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީށް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ތެދުވުމަށް ޖުމްހޫރީ ޕާޓީއާ އެކު ބައެއް މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީ ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ފިކުރު އެއްގޮތް ވާނެ ކަމަށް ގަބޫލުފުޅުކުރެއްވާ ކަމަށާއި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް އެ ޕާޓީން ތެދުނުވާންވީ ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ، އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ދިވެހި ހުރިހާ ރައްޔިތުން ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީއާ އެކު ތެދުވުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
"ގާނޫނު އަސާސީ އަކީ ވަރަށް ގިނަ ބައެއްގެ އުންމީދު، އެހެން ދިވެހި ރާއްޖެއެއް ހޯދުމަށް ދިވެހިން ކުރި އުންމީދު، ހާސްކަމެއް ނެތި ދިރިއުޅުމުގެ އުންމީދުގައި ދިވެހިން ލިބިގަތް ގާނޫނު އަސާސީ. އަޅުގަނޑު މިއަދު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމިއްޔާތަކާއި އެންމެ ރައްޔިތުންގެ ކިބައިން މި އެދެނީ ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް، ދިވެހިން އަނެއްކާ ވެސް ތެދުވުމަށް،" ނަޝީދު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާއަށް ސަރުކާރުން ބާރު ފޯރުވަމުންދާ ކަމަށް ބުނެ ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދާ ކަމަށް ބުނެ ނަޝީދު ވިދާޅުވީ ބައިނަލްއަގުވާމީ ދުނިޔެގައި ރާއްޖެ މިހާރު ބާކީވަމުންދާ ކަމަށެވެ.
"ގާނޫނު އަސާސީއާ ހިލާފަށް އަސާސީ ހައްގުތައް ހިފެހެއްޓުން، ދައުލަތުގެ ދަރަނި މިދަނީ ބޮޑުވަމުން. ރާއްޖެ މިދަނީ ބައިނަލްއަގުވާމީ ދުނިޔޭގައި ބާކީ ވަމުން. މި އެންމެ ކަންކަމުގެ ނަތީޖާއަކަށް ވެގެން މިދަނީ ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ކެނޑުން." ނަޝީދު ވިދާޅުވި އެވެ.