13 Jan 2015, 15:47
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ މަސައްކަތްތަކުގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން އައްޑޫ ސިޓީގެ 35 ގެއެއް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީގެ އެކި 35 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގެތައް ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުން ކަމަށެވެ. އެގޮތުން ހިތަދޫން އަށް ގެއެއް ބަލައި ފާސްކޮށްފައިވާ އިރު މަރަދޫން ހަތަރު ގެ އާއި ފޭދޫން 14 ގެ އަދި މަރަދޫ ފޭދޫން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މީގެ އިތުރުން ވެސް ހުޅުދޫން ހަތަރު ގެއަކާއި މީދޫން ތިން ގެއެއް ވަނީ ކޯޓު އަމުރުގެ ދަށުން ބަލައި ފާސް ކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ބައެއް މައްސަލަތަކާ ގުޅުން ހުރި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސް ޑިޕާޓްމަންޓު އަދި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތް ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއް ވަނީ ހޯދާފައެވެ. އަދި މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރި ކުރުމަށް ބޭނުން ކުރާ ހުސް ރަބަރު ޕެކެޓްތަކާއި ބަނގުރާ ކައްކަން ބޭނުން ކުރާ ސާމާނާއި ބަނގުރާ ކައްކަން ތައްޔާރުކޮށްފައި ހުރި ތަކެތި ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ކައްކާފައި ހުރި ބަނގުރާ ކަމަށް ޝައްކު ކުރެވޭ 500 މިލިލީޓަރުގެ ފުޅިއެއް ހޯދާފައިވާ ކަމަށެވެ.
ފުލުހުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ބޭނުން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ހަދާފައި ހުންނަ ކެނެބިސް ފަތް ޖަހާފައި ހުރި އެކި އެއްޗިހި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެ އެވެ.
މިއަހަރު ފުލުހުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އެންމެ މުހިއްމު އެއް މަސައްކަތަކީ ގައުމު މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމާއި މަސްތުވާތަކެތީގެ ވަބާއިން ގައުމުގެ ޒުވާނުން ސަލާމަތްކޮށް ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމެވެ.