އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި އަމިއްލައަށް ޒަކާތް ބެހުމާއި ބޭނުންކުރާ ފަރާތްތައް 500،000 ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ޒަކާތާ ބެހޭ ބިލް އެކުލަވާލައިފި އެވެ.

ޒަކާތުގެ ކަންކަމާ ގުޅުން ހުރި އެކި ބޭފުޅުންގެ މަޝްވަރާ އާއި ހިޔާލާ އެކު އިސްލާމިކް މިނިސްޓްރީ އިން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދިވެހި ރާއްޖޭގެ ޒަކާތާ ބެހޭ ބިލުގައި ބުނެފައި ވަނީ ޒަކާތް ބެހުމަށް ކަނޑައަޅާފައިވާ ގޮތްތަކާ ހިލާފަށް އަމަލުކުރާ މީހުންނާއި މިނިސްޓްރީގެ ހުއްދަ ނެތި އަމިއްލަ އަށް ޒަކާތް ބެހުމާއި ބޭނުންކުރުމުގެ އަދަބެއްގެ ގޮތުން ފަސް އަހަރަށް ޖަލަށް ލެވޭނެ ކަމަށެވެ. ނުވަތަ 500،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

އިތުރަށް ބިލުގައި ބުނެފައި ވަނީ ޒަކާތުގެ ހުރިހާ މަސައްކަތެއް ނުވަތަ ޒަކާތުގެ ކަންކަން ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީ އިން ކަމަށެވެ. ބިލުގެ ދެ ވަނަ މާއްދާގައި ބުނެފައި ވަނީ ޒަކާތް ނެގެން ޖެހޭނީ އެކަމަށް ޓަކައި އުފައްދާފައިވާ ޒަކާތް މެނޭޖްމަންޓް ކައުންސިލުން ކަމަށެވެ. އެ ކައުންސިލަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ޒަކާތާއި އެހެނިހެން އިސްލާމީ ސަދަގާތުގެ ފަންޑުތައް ހިންގާ ބަލަހައްޓާނެ ގައުމީ ކައުންސިލެވެ. އަދި ޒަކާތުގެ ގާނޫނު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރާތާ 14 ދުވަސް ތެރޭގައި މި ކައުންސިލް އުފައްދަންޖެހެ އެވެ.

އަދި ހަމަ އެއާ އެކު މި ގާނޫނުގެ ދަށުން ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއް ވެސް އެކުލަވާލަން ޖެހެ އެވެ. އެ ކޮމިޓީ އަކީ ޒަކާތު ކައުންސިލުން އެކިފަހަރު މަތިން އެކަމަކަށް އެދި ހުށަހެޅުމުން ޒަކާތާ ބެހޭ ކަންކަން ބެލެހެއްޓުމާ ގުޅޭ ޝަރުއީ ލަފާ ޒަކާތު ކައުންސިލަށް ފޯރުކޮށްދިނުމަށް ޓަކައި ޝަރުއީ އިލްމުވެރިންގެ މައްޗަށް ބިނާކޮށް އެކުލަވާލާ ކޮމިޓީއެ ކެވެ.

އެ ބިލުގެ 38 ވަނަ މާއްދާގައި ބުނެފައި ވަނީ ޒަކާތް ނެރެފައި ނުވާ ފަރާތެއްވާ ނަމަ އެ މުދަލެއް ދައުލަތަށް ނެގޭނެ ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ އެހީ އިސްލާމިކް މިނިސްޓްރީ އަށް ލިބެން ވެސް ޖެހެ އެވެ.

"ޒަކާތުގެ ގޮތުގައި ދައްކަން ޖެހިފައިވާ ނަމަވެސް ދައްކާފައިނުވާ ކޮންމެ އެއްޗެއް ވެސް އޮޑިޓްކޮށް ކޮންފިސްކޭޓްކުރުމަކީ އެމްއައިއޭގެ (އިސްލާމިކް މިނިސްޓްރީ) ޒިންމާއެކެވެ. އަދި އެފަދަ މުދާ ކޮންފިސްކޭޓްކުރުމުގެ ފުރިހަމަ ބާރު އެމްއައިއޭ އަށް ލިބިފައިވެ އެވެ." ބިލުގެ 38 ވަނަ މާއްދާގައި ބުނެފަވެ އެވެ.

ކޮންމެ މީހަކަށް ވެސް އެމީހެއްގެ ބެލުމުގެ ދަށުގައިވާ ޒަކާތް ސަދަގާތް ނުވަތަ ޒަކާތް ނޫން ސަދަގާތުގެ ފަންޑްތައް މިލްކުކުރުމާއި ގެރެންޓީގެ ގޮތުގައި ބޭނުންކުރުމާއި ހަދިޔާކުރުމާއި އެހެން ކަމަކަށް ވިއްކާ ބަދަލުކުރުމަކީ ބިލުގައިވާ ގޮތުން މަނާކަމެ ކެވެ.

ޒަކާތުގެ ބެލެނެވެރިންގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައި ވަނީ ފަގީރުންނާއި މިސްކީނުންނާއި އަމިއްލަ އިހުތިޔާރާއި ނުލާ އެހެން ފަރާތެއްގެ ބާރުގެ ދަށުގައިވާ މީހުންނެވެ. އަދި ހަމައެއާ އެކު ބޮޑެތި ދަރަނިވެރިންނާއި އިސްލާމް ދީނަށް އަލަށް ނުވަތަ އަނބުރާ ހިތްޖެހެން ފަށާފައިވާ މީހުންނާއި ދަތުރުވެރިންގެ އިތުރުން ޒަކާތުގެ ކަންކަމުގައި މަސައްކަތްކޮށްފައި އޮފިޝަލުންނާއި ﷲގެ މަގުގައި ދިރިއުޅެމުންދާ މީހުންނެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިޝަތު މުނީޒާ މިއަދު "ސަން" އަށް ވިދާޅުވީ މި ބިލަކީ މުޅިން އަދި ފުރިހަމަވެ ނިމިފައިވާ ބިލެއް ނޫން ކަމަށެވެ. އަދި މި ބިލަށް މިނިސްޓްރީ އިން ބައެއް ކަހަލަ ބަދަލުތައް ގެނައުން އެކަށީގެންވާ ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުންވެސް ބިލަށް ބަދަލު ގެނައުން އެކަށީގެންވާ ކަމަށް މުނީޒާ ވިދާޅުވި އެވެ.