މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއި މަނާ ބޭސްތަކަކާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މާލެ ޕެޓްރޯލް ކުރަމުންދިޔަ މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން ސްޕްރީމް ކޯޓު ކައިރިން ރޭ ދަންވަރު 3:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓައި 14 ގުޅަ މަނާ ބޭސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.