13 Jan 2015, 15:38
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މީޑިއާ ހިންގެވުމަށް ގެންގުޅުއްވި ބޭރުގެ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ދެ މިލިއަން ރުފިޔާ އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ މުސާރައިގެ ގޮތުގައި ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
ސަން އަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު ރައީސް ނަޝީދުގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ އެންޑް ޕީއާރް މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ހަރަދުކުރައްވައިގެން ތިން ބޭފުޅަކު ގެންގުޅުއްވާފައިވެ އެވެ. އެއީ ޖީޑް ލެނިން އާއި ޕޯލް ރިޗާޑް ރޮބާޓްސްގެ އިތުރުން މާކް ލައިނަސް އެވެ. އެ ތިން ބޭފުޅުންނަށް ވެސް 20000 ރުފިޔާ އާއި 47،000 ރުފިޔާ އާ ދޭތެރޭ އަދަދެއްގެ މުސާރަތަކެއް ދެއްވާފައިވެ އެވެ. އެހެން ކަމުން އެބޭފުޅުންގެ މުސާރައަށް ޖުމުލަ 2،043،930 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ރާއްޖެ އިން ބޭރުގެ ބޭފުޅުންތަކަކަށް ދައުލަތުގެ ބަޖެޓުން އެހާ ބޮޑު މުސާރައެއް ދީފައިވާ އިރު ބައެއް އޮޑިޓް ރިޕޯޓްތައް ބުނާ ގޮތުން "ދަ އައިލެންޑް ޕްރެސިޑެންޓް" އުފެއްދުމުގެ ތެރެއިން އިނގިރޭސިވިލާތުގެ ބޭފުޅަކާއި ރައީސް އޮފީހުގެ އަންޑާ ސެކްޓަރީއެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުތަކަށް 139،676 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
އެފިލްމް ހެދުމަށް ދައުލަތުގެ ބަޖެޓުން އެވަރުގެ ބޮޑު ހޭދައެއް ކޮށްފައިވާ އިރު އެފިލްމަކީ ދައުލަތުގެ ރަސްމީ ބޭނުމަކަށް ހެދި ފިލްމަކަށް ނުވުމުން އެކުރެއްވި ހަރަދަކީ ދިވެހި ދައުލަތުގެ ބޭނުމަށް ކޮށްފައިވާ ހަރަދެއްކަމަށް ނުބެލެވޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.