13 Jan 2015, 15:31
އެންމެ ފަހުން ޔުނައިޓެޑް ސައުތޭމްޕްޓަނާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައި ފްރާންސްގެ ކްލަބް މޮނާކޯއިން މިދިޔަ އަހަރު ލޯނު ކުޅުންތެރިއެއްގެ ގޮތުގައި ޔުނައިޓެޑަށް ބަދަލުވި ސްޓްރައިކަރު ރަޑަމެލް ފަލްކާއޯ ހިމަނާފައިނުވުމުން ދެރަ ނުވާކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ލުއިސް ވެން ހާލް ބުނެފިއެވެ.
އެ މެޗަށް ނެގި ސްކޮޑާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވެން ހާލް ބުނީ އެ މެޗުގައި އޭނާ ބެނުންވީ ޑިފެންސަށް ބޮޑަށް އިސްކަން ދޭން ކަމަށާއި، ދެވަނަ ސްޓްރައިކަރަކަށް އެ ސްކޮޑުގައި ޖާގަ ނެތް ކަމަށެވެ.
"މެޗަކަށް ސްކޮޑު ނަގާއިރު ނަގާ ކުޅުންތެރިންގެ ބޭނުންތަކަށްވެސް ވިސްނަން ޖެހޭ. ކޯޗެއްގެ ހައިސިއްޔަތުން ޓީމްގައި ތިބެ ކުޅުންތެރިންނާއި މެޗަކަށް ހޮވާ ކުޅުންތެރިންގެ އިތުރުން ގޭމް ޕްލޭނަށްވެސް ވިސްނަން ޖެހޭ. އެ މެޗަށް ފަލްކާއޯ ނުނެގީ އެ މެޗުގައި ދެވަނަ ސްޓަރައިކަރަކަށް ބޭނުން ނުވާނެތީ. އަދި އެ މެޗުގެ ސްކޮޑުން ފަލްކާއޯ ދޫކޮށްލެވުމުން އަހަރެން އެކަމާ ދެރައެއް ނުވޭ،" ވެން ހާލް ބުންޏެވެ.
ޔުނައިޓަޑުގައި 265،000 ޕައުންޑުގެ މުސާރައަކަށް ކުޅެމުން އަންނަ ފަލްކާއޯ ވަނީ ޔުނައިޓަޑް އެންމެ ފަހުން ކުޅުނު ފަސް މެޗުގައިވެސް ފެނިގެން ގޮސްފައެވެ. ނަމަވެސް ޔުނައިޓަޑަށް ބަދަލުވި ފަހުން އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުނު ފަލްކާއޯ އެ ޓީމަށް ކުޅެދިން 12 މެޗުގައި ކާމިޔާބު ކުރެވިފައި ވަނީ އެންމެ ތިން ލަނޑެވެ.
މި މަހުގެ 11 ވަނަ ދުވަހު ޔުނައިޓަޑް ސައުތޭމްޕްޓަނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެ ޓީމް ތާވަލްގެ ތިން ވަނައިން ހަތަރު ވަނައަށް ވެއްޓަފައި ވާއިރު، އެ މެޗުގެ ބެންޗުންވެސް ފަލްކާއޯ ފެނިގެން ގޮސްފައެއް ނުވެއެވެ. އެންމެ ފަހުން ކުޅުނު 10 މެޗުންވެސް މޮޅުވި ޔުނައިޓަޑް އެ މެޗުން ބަލިވުމުން، ވެން ހާލް ބުނީ އެ މެޗުގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހޭ ކަމަށާއި، އެ މެޗުގައި ޔުނައިޓަޑަށް އެއަށްވުރެ މޮޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ.
"އެ މެޗުގައި ސައުތޭމްޕްޓަނަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކީ ޔުނައިޓަޑް. ނަމަވެސް މެޗުގެ ފަހު ފޭސް ތަކުގައި ޓީމުން ރަނގަޅު ނިންމުންތަކެއް ނިންމާފައެއް ނުވޭ. މެޗުގައި ސައުތޭމްޕްޓަނަށް ސްކޯ ކުރެވުނީ އެ ޓީމްގެ ނަސީބު ގަދަ ކަމުން. އަހަންނަށް ލަފާ ކުރެވޭ ގޮތުގައި އެ ޓީމް އުންމީދު ކުރީ ޑްރޯ އަކަށް، ނަމަވެސް އެ ޓީމް ދިޔައީ މޮޅަކާ އެކު. މެޗު ޑޮމިނޭޓް ކުރީ ޔުނައިޓަޑުން، އެހެން ކަމުން މެޗުގައި ގިނަ ފުރުސަތުތައްވެސް ޔުނައިޓަޑަށް އުފެއްދެން ވާނެ. އެ މެޗުގެ ނަތީޖާ އެހާ ރަނގަޅެއް ނޫން،" ވެން ހާލް ބުންޏެވެ.
ސައުތޭމްޕްޓަނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން މިހާރު ޔުނައިޓަޑް އޮތީ ތާވަލްގެ ހަތަރުވަނައިގައި 37 ޕޮއިންޓާ އެކު އެވެ. މިދިޔަ ސީޒަންގެ މިހާ ހިސާބުގައި ޑޭވިޑް މޮޔޭސްގެ ކޯޗުކަމުގެ ދަށުންވެސް ޔުނައިޓަޑަށް ލިބިފައި ވަނީ ހަމަ 37 ޕޮއިންޓެވެ. ޔުނައިޓެޑަށް ކޯޗުކަން ކޮށްދިންތާ 10 މަސް ވެފައި ވަނިކޮށް މިދިޔަ ސީޒަންގައި އެ ޓީމްގެ ކޯޗު ކަމުން މޮޔޭސް ވަނީ ވަކިކޮށްފަ އެވެ.