13 Jan 2015, 15:26
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ތޫނު ހަތިޔާރުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ބަންދުގައި ބަހައްޓަން ފުރަތަމަ ފަހަރަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ހައިކޯޓުން އަމުރުކޮށްފައި ވަނީ ސ. ހިތަދޫ ސަންރީފް މުހައްމަދު މުއިއްޒު އާއި އެރަށު ބްލޫބާޑު ހޫދު ލަތީފްއާއި ހަމައެރަށު އިވްނިންގްނާޒް ނަޖާހު ޝަރީފު އިއްޔެ އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށެވެ.
ދައުލަތުން އެ ތިން މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށް ބުނެ އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރެވެން ނެތް ކަމަށް ހިތަދޫ ކޯޓުން ނިންމުމުންނެވެ.
ހައިކޯޓުން ވަކިވަކިން ކުރި ހުކުމްތަކުގައި ވަނީ އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ގްރޫޕު ހަދައިގެން ތޫނު ހަތިޔާރުން މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި ކަމަށްވާއިރު، އެފަދަ ކުށްތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭ ކަންތައްތައް ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން ތޫނު ހަތިޔާރުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމާއިރު، އެމީހަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރިން ހައްޔަރުކޮށް އެކަމުގެ ރެކޯޑު އޮތް މީހަކަށް ވާނަމަ އެމީހަކު ޝަރީއަތް ނިމުމުގެ ކުރިން ބަންދުން ދޫކޮށްގެން ނުވާނެއެވެ.
އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ މާރާމާރީގެ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ ހުކުމްގައި ބަޔާންކޮށްފައެއް ނުވެއެވެ.